
މިއަދު ހެނދުނުން ފެށިގެން ބޯކޮށް ވާރޭ ވެހުމުން ދިއުމުގެ ސަބަބުން ބ. ކެންދޫގައި ފެން ބޮޑުވެއްޖެ އެވެ.
ބޯކޮށް ވާރޭވެހުމުގެ ސަބަބުން މަގުމަތަކުގައި ފެންބޮޑުވެ، މީހުން ދިރިއުޅޭ ބައެއް ގެތަކަށް ފެން ވަދެފައި ވެ އެވެ.
ކެންދޫގައި ފެންބޮޑުވުމާއި ގުޅިގެން ކެންދޫ ޕޮލިސް ޑެސްކު އަދި އޭދަފުށި ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ކެންދޫ ކައުންސިލް އަދި ރައްޔިތުން ގުޅިގެންދަނީ ފެން ހިއްކުމުގެ މަސައްކަތްކުރަމުންނެވެ.
ބޯކޮށް ވާރޭވެހިއްޖެ ނަމަ ކެންދޫގައި ވަރަށް އަވަހަށް ފެންބޮޑުވާ މައްސަލަ ދިމާވެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މިރޭ ވެސް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ.
އެގޮތުން ހއ. އަތޮޅުން ފެށިގެން ދ. އަތޮޅާ ހަމައަށް މިރޭ 19:30 އިން ފެށިގެން ދަންވަރު 01:30 އާ ދެމެދު އެ ސަރަހައްދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށްވަނީ ލަފާކޮށްފަ އެވެ.
