ފުޓްސަލް ދަނޑު މައްސަލާގައި ކައުންސިލުން ހަދަނީ ދޮގު: އޭދަފުށީގެ ބައެއް ޖަމިއްޔާތައް

ސަރުކާރުން އޭދަފުށީގައި ޓާފް ފުޓްސަލް ދަނޑެއް އަޅަން ނިންމައި އެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ހުރިހާ މަރުހަލާއެއްނިމި، ދަނޑު ތަރައްގީކުރަންވީ ތަނެއް ދެއްކުމަށް ކައުންސިލުގައި ޔޫތު މިނިސްޓްރީން އެދުމުން ލޭންޑް ޔޫސް ޕްލޭން މަތިކޮށް ކައުންސިލުން ހަދަނީ ދޮގުކަމަށްބުނެ އޭދަފުށީގެ ބައެއް ކްލަބް ޖަމިއްޔާތަކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އޭދަފުށީ ކައުންސިލުން ބުނިގޮތުގައި ދަނޑު އެޅުމަށް ބޭނުންވާ ބިމުގެ މައްސަލާގައި އެ ކައުންސިލުގެ ފަރާތުން ސަރުކާރުގައި ދަންނަވާފައިވާނީ ދަނޑު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން މިހާރު ހަދަމުންގެންދާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭން ނިމި، ފާސްވުމުން ދަނޑު ހެދުމަށް ކަނޑައެޅިފައިވާ ބިމުގެ ޗާޓް ފޮނުވައިދޭނެ ކަމަށް ވެސް ސަރުކާރުގައި ދަންނަވާފައިވާނެ ކަމަށް ކައުންސިލުން ބުންޏެވެ.

ނަމަވެސް މި ދަނޑު އެޅުމަށް އޭދަފުށީ ކައުންސިލުން ހުރަސްއަޅާކަމަށްބުނެ ކަންބޮޑުވުން ފާޅުކުރީ ކްލަބް ދަ ބިގިނާސް (ޓީބީ) އާއި ކްލަބް ކޮމްބިނޭޝަން އާއި ޔުނައިޓެޑް ވީގެ އިތުރުން އޭދަފުށީ ފުޓްބޯޅަ ކްލަބް އަދި އޭދަފުށީ ޔޫތު ޑިވެލޮޕްމަންޓުންނެވެ.

އެ ކްލަބް ޖަމިއްޔާތަކުން ނެރުނު ބަޔާނުގައި ބުނީ  ފުޓްސަލް ދަނޑު ތަރައްގީކުރުމަށް ކަނޑައަޅާފައިވާ ބިން މިހާރު ހަދަމުންދާ ލޭންޑް ޔޫސް ޕްލޭނުގައި ފާހަގަ ކުރެވިފައިވާ ކަމަށް ކައުންސިލުން ބަޔާންކޮށްފައިވާއިރު، އެ ބިން ޔޫތު މިނިސްޓްރީއަށް ދައްކާފައިނުވާކަމީ މިކަމަށް ކައުންސިލުން ހުރަސްއެޅުން ކަމަށެވެ.

“ބ. އޭދަފުށީ ޒުވާނުން ދެކެމުން އައި ޒަމާނީ ޓާފް ފުޓްސަލް ދަނޑުގެ ހުވަފެން ހުއްޓާފައިވާކަމަށް ދޭހަވާ ސަބަބަކީ މިހާރު ހިނގަމުންދާ ކައުންސިލުގެ މެންބަރުން މަގާމާ ހަވާލުވުމަށްފަހު ތިން މަސްދުވަހުގެތެރޭ ނިންމަންޖެހޭ ލޭންޑް ޔޫސް ޕްލޭން ނުނިންމުނުކަން މަތިކޮށް ސަރުކާރަށް ބިމެއް ދައްކާފައި ނުވާތިއެވެ. އެހެން ނަމަވެސް މިހާރުއޮތް މެޓް ފުޓްސަލް ދަނޑު ބޮޑު ކުރަން ކައުންސިލުން ނިންމާފައިވަނީ ލޭންޑް ޔޫސް ޕްލޭން ނުނިމި ވަނިކޮށްކަން ފާހަގަކޮށްލަމެވެ،”

ގާނޫނުގައި އޮތީ ކައުންސިލްތަކުގެ މެމްބަރުން މަގާމާ ހަވާލުވާތާ ތިން މަސް ދުވަހުގެ ތެރޭގައި ތަރައްގީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ނިންމަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އެކަމަކު، އެ މުއްދަތު ހަމަވެ، އަހަރަކަށް ވުރެ ގިނަ ދުވަސްވެގެން ދިޔައިރު ވެސް މި މަސައްކަތް ނިންމާފައި ނުވުމާއި، އަދި އެ ނިމޭނެ ތާރީޚެއްވެސް ކައުންސިލުން ހާމަކޮށްފައެއް ނުވެއެވެ.

އެހެންވެ ކްލަބް ޖަމިއްޔާތަކުން ގޮވާލާފައިވަނީ އޭދަފުށީ ޒުވާނުންގެ ކަންކަމަށް ހުރަސްއަޅައި ކައުންސިލުން ކުރަމުންދާ މަސައްކަތަށް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި ސަރުކާރުން އޭދަފުށީގައި ތަރައްގީ ކުރުމަށް ނިންމާފައިވާ ފުޓްސަލް ދަނޑު އަޅާނެތަނެއް ދައްކައި އެ މަސައްކަތް އަވަސް މުއްދަތެއްގައި ފެށުމަށް ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ނޫސް ބަޔާނުގައި ގޮވާލާފައިވެ އެވެ.

“ސަރުކާޒުން އޭދަފުށީގައި ޓާފް ފުޓްސަލް ދަނޑެއް އަޅަން ނިންމައި އެ މަސައްކަތް ބަޔަކާ ހަވާލުކުރުމުގެ ހުރިހާ މަރުހަލާއެއްނިމި، ދަނޑު ތަރައްގީކުރަންވީ ތަނެއް ދެއްކުމަށް ކައުންސިލުގައި ޔޫތު މިނިސްޓްރީން އެދުމުން ލޭންޑް ޔޫސް ޕްލޭން މަތިކޮށް އިތުރުފުޅު ހައްދަވާފައިވާތީ އެކަން ކުށްވެރިކުރަމެވެ.”

ޒުވާނުންގެ ގިނަ ބަޔަކު މިކަން ސިފަކުރަނީ ރަށުގެ ތަރައްގީއަށް މި ސަރުކާރުން ކުރާ މަސައްކަތަށް ހުރަސްއަޅާ ކައުންސިލެއްގެ ގޮތުގައެވެ.

އެގޮތުން މުޅި ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތައް އެހެން ރަށްރަށުގައި ވަކިން ހާއްސަކޮށް މިއަތޮޅުގެ ރަށްރަށުގައި ކުރިއަށްގެންދާކަން އެ ޒުވާނުން ފާހަގަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.