ބީއެމްއެލްގެ ޗެއާޕާސަން ކަމަށް އަނެއްކާ ވެސް ޔޫޝައު އައްޔަންކޮށްފި

ބީއެމްއެލްގެ ޗެއާޕާސަންގެ މަގާމަށް ދެވަނަ ފަހަރަށް އައްޔަންކުރި ޔޫޝައު ސައީދު.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް ޔޫޝައު ސައީދު އައްޔަންކޮށްފި އެވެ.

ޔޫޝަޢު މި މަގާމަށް ފުރަތަމަ އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހު ބޭއްވި އެ ބޭންކުގެ އަހަރީ އާންމު ޖަލްސާއަށް ފަހު އެވެ.

ސިމްޑީ ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރުގެ މަގާމު އަދާކުރައްވަމުން ގެންދަވާ ޔޫޝަޢު ވަނީ މީގެ ކުރިން ގިނަގުނަ ލީޑަޝިޕް ރޯލުތަކުގައި މަސައްކަތްކުރައްވާފަ އެވެ. މިގޮތުން، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަން ކަމާއި، އެނާޖީ އެންޑް ވޯޓާގެ ދަށުން ހިންގި އެންސީއެސްއޭ ޕްރޮޖެކްޓްގެ ނޭޝަނަލް ޕްރޮޖެކްޓް މެނޭޖަރުގެ މަގާމު ހިމެނެ އެވެ. އަދި މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޝިޕިން ލިމިޓެޑްގެ ކޯޕަރޭޓް އެފެއާޒް އަދި ފައިނޭންސް މެނޭޖަރުގެ މަގާމު ވެސް އަދާކުރައްވައިފައިވެ އެވެ.

ޔޫޝައު ވަނީ ދިހަ އަހަރުގެ މުއްދަތެއްގައި ދިވެހި ރާއްޖޭގެ އޮޑިޓް އޮފީހުގެ އެކި ފަންތީގެ މަގާމުތައް ފުރުއްވާފަ އެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ޗެއާޕާސަންގެ މަގާމާއި ހަވާލުވެވަޑައިގަތުމުގެ ކުރިން ޔޫޝައު ވަނީ އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަންގެ ބޯޑު މެންބަރެއްގެ ހައިސިއްޔަތުން ދެ އަހަރު ވަންދެން މަސައްކަތްކުރައްވައިފަ އެވެ.

ބޭންކުން ވަނީ މިދިޔަ އަހަރުގެ އަހަރީ އާންމު ޖަލްސާ ރޭ ބާއްވާފަ އެވެ. އަދި އަހަރީ އާންމު ޖަލްސާގައި ހުރިހާ މެންބަރުންވެސް އަލުން ޑިރެކްޓަރުންގެ ބޯޑަށް ވަނީ އައްޔަންކޮށްފަ އެވެ.

މީގެ އިތުރުން އެ ބޭންކުގެ ޗެއާޕާސަންގެ މުސާރަ ވަނީ 21،500ރ. އަށް ބޮޑުކޮށްފަ އެވެ.

ޗެއާޕާސަނަށް މުސާރައިގެ ގޮތުގައި މިހާތަނަށް ދެމުން އައީ 15،500ރ. އެވެ. ނަމަވެސް ރޭ ބޭއްވި އަހަރީ އާންމު ޖަލްސާގައި ބީއެމްއެލްގެ ބޯޑުން ބުނީ ޗެއާޕާސަންގެ ޚާއްސަ އިނާޔަތަށް 5،000ރ. އިތުރުކޮށްފައިވާ ކަމަށެވެ. ޚާއްސަ އިނާޔަތުގެ ގޮތުގައި ކުރިން ދިނީ 5،000ރ. އެވެ. އެހެންވެ، އެ މަގާމުގައި ހުންނަވާ ބޭފުޅެއްގެ މުސާރަ އާއި އެލަވަންސް އަދި ބޯޑު އިނާޔާތުގެ ގޮތުގައި މިހާރު 21،500ރ. ލިބޭނެ އެވެ.

މީގެ އިތުރަށް އެހެން ބޯޑު މެންބަރުންނެކޭ އެއްގޮތަށް ބައިވެރިވާ ކޮންމެ ކޮމިޓީ ބައްދަލުވުމަށް 3،000ރ. ގެ އިނާޔަތެއް ޗެއާޕާސަން އަށް ވެސް ލިބޭނެ އެވެ.

ބީއެމްއެލްގެ ބޯޑު މެންބަރުންނަށް މުސާރައިގެ ގޮތުގައި މަހަކު ދެނީ 11،500ރ. އެވެ.

ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ:

  1. ޔޫޝައު ސައީދު، ހ. ސޭންޑީ ބީޗް، ކ. މާލެ
  2. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު)
  3. އައިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، ކ. މާލެ
  4. ޖުވައިރިޔާ ސައީދު، މއ. ކޮށީގެ، ކ. މާލެ
  5. އަބްދުﷲ ހަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި
  6. އަބްދުﷲ ހުސާމް ޝަރީފް، ދިގުވާންޑު، ސަވާ ޏ. ފުވައްމުލައް
  7. މުހައްމަދު ޝަރާހު، ކޮތަންގެ، ގދ. ފިއޯރީ
  8. އައިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ

އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ:

  1. އިބްރާހީމް މުހައްމަދު، ނެލުމް، ނ. ހޮޅުދޫ
  2. އަހުމަދު މުހައްމަދު، ގ. އުފާ، ކ. މާލެ
  3. އަބްދުﷲ ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.