ޓްރާންސްފޯމަރު ބެހެއްޓުމަށް ބޭނުންވާ ހައިވޯލްޓޭޖް ކޭބަލް އޭދަފުއްޓަށް ގެނެސްފި

ފެނަކަ ކޯޕަރެޝަނުން ބ. އޭދަފުށީގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް އަޅާފައިއޮތް ކޭބަލް ނެޓްވޯކް އަޕްގްރޭޑް ކުރުމަށް ބޭނުންވާ ހައިވޯލްޓޭޖް ކޭބަލް އޭދަފުއްޓަށް ގެނެސްފި އެވެ.

ފެނަކަ އޭދަފުށީ އިންޖީނުގެއިން ބުނީ އޭދަފުށި ރައްޔިތުން ގިނަދުވަސްތަކެއް ވަންދެން ކުރަމުންއައި އުއްމީދުތައް ހަގީގަތަކަށް ހެދުމަށްޓަކައި އޭދަފުށީގައި ހައިވޯލްޓޭޖް ކޭބަލްއެޅުމަށް ބޭނުންވާ ކޭބަލްތައް އިއްޔެ އޭދަފުއްޓަށް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން ހައިވޯލްޓޭޖް ކޭބަލާއެކު ނެޓްވޯކަށް ބޭނުންވާ ލޯވޯލްޓޭޖްގެ ކޭބަލް ހިމަނައިގެން ޖުމްލަ 14 ރޯލް ކޭބަލް އިއްޔެ އޭދަފުއްޓަށް ގެނެސްފައިވެއެވެ.

އޭދަފުށީގެ ކަރަންޓް ކޭބަލް ނެޓްވޯކް ބަދަލުކުރަނީ ރަށުގެ އެކި ހިސާބުތަކަށް ދިމާވެފައިވާ ވޯލްޓޭޖް ޑޮރޮޕްވާ މައްސަލަ ހައްލުކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ދިނުމުގެ ބޭނުމުގައެވެ.

“މި ފުރުސަތުގައި ދިވެހި ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ފެނަކަ އެމްޑީ އަދި މެނޭޖްމަންޓަށް އޭދަފުށީގެ ރައްޔިތުންގެ ނަމުގައި ނުހަނު އިހްލާސްތެރިކަމާއިއެކު ޝުކުރު ދަންނަވަން، ފެނަކަ ބާ ފޭސްބުކް ޕޭޖްގައި ކުރި ޕޯސްޓެއްގައި ވެއެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު އިތުރުވަމުންދާ މިންވަރާ ބަލާއިރު މިހާރު އަޅާފައިވާ ކޭބަލްތައް މާބޮޑަށް ބަލިކަށިވުމުން ބައެއް ފަހަރު ލޯޑް ނުހިފެހެއްޓޭ މައްސަލަ ދިމާވެއެވެ.
އެހެންވެ، ފެނަކައިން އަންނަނީ ރަށުގެ ހަ ސަރަހައްދެއްގައި ޓްރާންސްފޯމަރުތައް ބަހައްޓަގައިގެން ކަރަންޓް ވިއުގަ އަޕްގްރޭޑް ކުރުމަށް މަސައްކަތް ކުރަމުންނެވެ. އޭގެ ތެރެއިން ބައެއް ޓްރާންސްފޯމަރުތައް މިހާރުވަނީ ރަށަށް ގެނެސްފަ އެވެ.

އޭދަފުށީގައި ކަރަންޓް ދިނުމަށް އަޅާފައިވާ ނެޓްވޯކަށް މިހާރު ގާތްގަނޑަކަށް 27 އަހަރުވެދާނެއެވެ. އެހެންވެ އެ ނެޓްވޯކު އަޕްގްރޭޑްކުރުމުގެ މަސައްކަތަކީ މީގެ އެތައް އަހަރެއްގެ ކުރިން ދެކެވެމުން އަންނަ ވާހަކައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.