
ކުރިއަށް އޮތް ދިހަ އަހަރު ވެސް ބ. އަތޮޅު ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ބޭއްވުމަށް ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ކަނޑައަޅައިފި އެވެ.
ޔުނެސްކޯ އިން ވަނީ ބ. އަތޮޅު ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ކުރިއަށްއޮތް ދިހަ އަހަރު ވެސް ބޭއްވުމަށް ކަނޑައަޅައި މިދިޔަ ހުކުރު ދުވަހު އެކަން އިއުލާންކޮށްފަ އެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ބަޔޮސްފިއާ ރިޒާވެއްގެ ގޮތުގައި ބ. އަތޮޅު، 2011 ވަނަ އަހަރު ކަނޑައެޅުމަކީ ރާއްޖޭގެ ތާރީހުގައި ވެސް ފާހަގަކޮށްލެވޭ ކަމެކެވެ. އެއީ ނާޒުކު ތިމާވެއްޓެއް އޮތް ރާއްޖެއިން ތިމާވެށި ހިމާޔަތް ކުރަން އެޅި މުހިންމު ފިޔަވަޅެކެވެ. ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ އެ އަތޮޅަށާއި ރާއްޖެއަށް އޭގެ ނަފާ މިހާރު ވެސް އަންނަނީ ލިބެމުންނެވެ.
ގިނަ ރިސޯޓްތަކެއް އޮންނަ ބ. އަތޮޅު، ބަޔޮސްފިއާ ރިޒާވެއް ގޮތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ކަނޑައަޅަން ހުށަހެޅީ އެ ސަރަހައްދުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ފަދަ ގުދުރަތީ ވަސީލަތްތަކާއި ދިރޭތަކެތީގެ ނަސްލުތަކުގެ މުއްސަނދިކަން ހިމެނޭތީ އެވެ. އޭގެ ތެރެއިން ވެސް އެއީ ގިނަ އަދަދެއްގެ މަންތާ ފެންނަ ސަރަހައްދެކެވެ.

މި އަތޮޅުގެ ހުރިހާ ރަށްތަކާއި އަތޮޅުތެރޭގައިވާ ހުރިހާ ގުދުރަތީ ވަސީލަތްތަކާއި ދިރުންތަކާއި ހުރިހާ ފަރަކާއި ފަޅުގެ ސަރަހައްދުތައް އަދި އެ އަތޮޅުގެ ދުނިން ފެށިގެން އެއް ނޯޓިކަލް މޭލުގެ ސަރަހައްދު ހިމެނެނީ ބަޔޯސްފިއާ ރިޒާވްގެ ތެރޭގަ އެވެ.
ބ. އަތޮޅު ކުރިއަށް އޮތް ދިހަ އަހަރު ވެސް ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ބޭއްވުމަށް ޔުނެސްކޯއަށް ހުށަހެޅީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެގޮތުން ބ. އަތޮޅުގައި ހުރި ހުރިހާ ފަރެއްގެ އިކޮލޮޖިކަލް ސާވޭއެއްކޮށް، ހިމާޔަތްކޮށްފައިހުރި ހުރިހާ ރަށްރަށާއި ބައެއް ފިނޮޅުތަކުގެ ސާވޭގެ މައުލޫމާތުވަނީ ޔުނެސްކޯއަށް ހުށަހަޅާފައެވެ.
ބަޔޮސްފިއާ ރިޒާވް އަކީ ކޮބާ؟
ޔުނައިޓެޑް ނޭޝަންސް އެޑިއުކޭޝަން، ސައިންސް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (ޔުނެސްކޯ) އިން ކަނޑައަޅާ ބަޔޮސްފިއާ ރިޒާވްތަކަކީ ތިމާވެއްޓަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމަށާއި ބައޯޑައިވާސިޓީ ދެމެހެއްޓެނިވި ގޮތެއްގައި ދަމަހައްޓަން ކަނޑައަޅާ ކަނޑު އަދި ބިމުގެ އީކޯސިސްޓަމްތަކެވެ. އެ ތަންތަން ބަޔޮސްފިއާ ރިޒާވެއް ގޮތުގައި ކަނޑައަޅާނީ އެތަނުގައި އެކަށީގެންވާ ޝަރުތުތައް ފުރިހަމަ ވެއްޖެ ނަމަ އެވެ.
މަންތާ އާއި ގުދުރަތީ އެތައް މުއްސަނދިކަމެއް ލިބިފައިވާ މި އަތޮޅުގައި ބަޔޮސްފިއާގެ ރިޒާވްގެ މަސައްކަތް ފެށި ފަހުން މި ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިމާޔަތްކޮށް، މަސްމަހާމެއްސާއި ކަނޑުގެ ދިރުން އައީ ވަރަށް ބޮޑަށް އާލާކުރަމުންނެވެ.
ރާއްޖޭގައި ބަޔޮސްފިއާ ރިޒާވްގެ ގޮތުގައި ފުވައްމުލަކާއި އައްޑޫ ވެސް މިދިޔަ އަހަރު ވަނީ ކަނޑައަޅާފަ އެވެ.
