
ކުޑަކުދިންގެ އޮމްބަޑްސްޕާސަންގެ އޮފީހުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރާ ވަރު ބެލުމަށްޓަކައި ބ. އޭދަފުށީގައި ކޮމިނިއުޓީ އޮޑިޓެއް ހަދައިފި އެވެ.
މި ޕްރޮގްރާމުގެ ދަށުން އެ އޮފީހުން ވަނީ، އޭދަފުށީގައި ހުރި ސަރުކާރުގެ ހަ އިދާރާއެއްގެ އޮޑިޓް ހަދައިފައެވެ. އޭގެ ތެރޭގައި ބ. އަތޮޅު ތައުލީމީ މަރުކަޒާއި އޭދަފުށީ މެޖިސްޓްރޭޓް ކޯޓާއި އަތޮޅު ހޮސްޕިޓަލާއި ރަށޫ ކައުންސިލުގެ އިދާރާއި ފުލުހުންގެ އިދާރާގެ އިތުރުން ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަކުދިން ތިބޭ ފެމެޅި އެންޑް ޗިލްޑްރަން ސާވިސް ސެންޓަރު ހިމެނެ އެވެ.
އޭދަފުށީގައި ކުރިއަށްގެންދިޔަ ކޮމިއުނިޓީ އޮޑިޓަށްފަހު، މިރަށުގައި ހަރަކާތްތެރިވާ ކުޑަކުދިންގެ މަސްލަޙަތު ހިމާޔަތްކުރުމުގެ މަސައްކަތްކުރާ އިދާރާތަކާއެކު މަސައްކަތު ބައްދަލުވުމެއް ވެސް ވަނީ ބާއްވާވައިފަ އެވެ.
މިމަސައްކަތު ބައްދަލުވުމުގައިވަނީ މި 6 އިދާރާއިންވެސް މިހާރު ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމަށް ކުރަމުންގެންދާ މަސައްކަތްތައް ދެނެގަނެ އެއް އިދާރާ އަނެއް އިދާރާއިން މިކަން ކުރުމަށް ހުރި ކަންކަން ދެނެގަނެވިފައިވާ ކަމަށް އޮމްބަޑްސްޕާސަން އޮފީހުން ބުނެއެވެ.

މި ބައްދަލުވުމުގައި ކުޑަކުދިންގެ ޙައްޤުތަކާއި ޒިންމާތަކަށް އަޙުލުވެރިކުމުގެ އިތުރުން ކުޑަކުއްޖެއްގެ ޙައްޤެއް ނިގުޅައިގަނެވޭ ހާލަތްތަކުގައި އެކަން ރިޕޯޓުކުރާނެ ފަރާތްތަކުގެ މަޢުލޫމާތު ވަނީ ކިޔައިދީފައެވެ.
ހަފްތާއެއްހާ ދުވަސް ވަންދެން އޭދަފުށީގައި ކުރިއަށް ގެންދިޔަ މި އޮޑިޓްގައި އެކި އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އިންޓަވިއުކޮށް ރިކޯޑްތައް ވަނީ ޗެކްކޮށްފަ އެވެ. މީގެ އިތުރުން އިމާރާތްތައް އިންސްޕެކްޓްކޮށް، ކުޑަކުދިންގެ ޙައްޤު ރައްކާތެރި ކުރުމަށް އެތަންތަނުގައި ހުރި ގޮންޖެހުންތަކާ ކުޑަކުދިންނަށް ދިމާވާ އެކިކަހަލަ ކަންކަން ވަނީ ދެނެގަނެވިފައިވާ ކަމަށް އެ އޮފީހުން ބުނެއެވެ.

މިއޮޑިޓުން ލިބޭ މައުލޫމާތުގެ މައްޗަށް ބިނާކޮށް ފާހަގަކުރެވޭކަންކަން އިސްލާހުކުރުމަށްޓަކައި ހުށަހަޅާކަންކަން ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީހުން ގުޅުންހުރި އިދާރާތަކާއި ޙިއްސާކުރަމުން ގެންދާނެއެވެ. އަދި އެ ހުށައެޅުންތައް ތަންފީޒުކުރެވޭ މިންވަރު ކޮންމެ 3 މަހަކުން މޮނިޓަކުރާނެއެވެ. މުޅިރާއްޖޭގައި ކުރިއަށްގެންދިއުމަށް ނިންމާފައިވާ މި އޮޑިޓް މިހާތަނަށް 5 އަތޮޅެއްގައި ވަނީ ކުރިއަށްގެންގޮސްފައެވެ.
