ކުރިއަށް އޮތް އަޟްހާ އީދާ ދިމާކޮށް މޯލްޑިވިއަންގެ ހާއްސަ ފްލައިޓެއް ދަރަވަންދު އަށް ބާއްވާ ގޮތަށް ތާވަލުކޮށްފި އެވެ.
މޯލްޑިވިއަން އިން ބުނިގޮތުގައި ދަރަވަންދުއަށް ބާއްވާ ހާއްސަ ފްލައިޓް އޮންނާނީ އަންނަ މަހުގެ 5 ވަނަ ދުވަހުގެ ރޭ 9:00 ގަ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން އީދަށް ހާއްސަ ފްލައިޓެއް ދަރަވަންދޫ އަށް ތާވަލުކުރީ، މިއަހަރުގެ ބޮޑު އީދު ކުލަގަދަކޮށް އެރަށުގައި ފާހަގަކުރުމަށް ހިންގާ ހަރަކާތްތަކާ ގުޅުވައިގެން ކަމަށެވެ.
މި އަހަރުގެ ބޮޑު އީދު ދަރަވަންދޫގައި ކުލަގަދަކޮށް ފާހަގަ ކުރުމަށް ހަވާ އަރުވައި ގިނަ ހަރަކާތްތަކެއް ބާއްވަން ފޯރިއާއެކު އަންނަނީ ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ސަގާފީ ގިނަ ކުޅިވަރުތައް ކުޅުން ވެސް ހިމެނެ އެވެ.
މީގެ އިތުރުން ދިވެހިން އާއްމުކޮށް އީދު ފާހަގަކުރާ ގޮތުގެ އިތުރުން މަލިގެ ސަގާފަތާއި ދިރިއުޅުމާއި އެ ގައުމުގައި އީދު ފާހަގަކުރުން އޮންނަ ގޮތް ވެސް ދަރަވަންދޫން މިފަހަރު ފެންނާނެ އެވެ.
އީދު ފާހަގަކުރުމުގެ ގޮތުން އެ ރަށުގައި އާންމުންނަށް ހުޅުވާލައިގެން ބާއްވާ ކުޅިވަރުތަކެއް ވެސް ހިމެނެ އެވެ. އަދި ސްކޫލް ކުދިންނަށް ހާއްސަކޮށްގެން އާއިލީ ހަވީރެއް ބާއްވާ ގޮތަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
އީދު ކުޅިވަރު ހަރަކާތްތައް ދަރަވަންދޫގައި މި އަންނަ މަހުގެ 7-14 އާ ހަމައަށް ކުރިއަށް ގެންދާނެ އެވެ.