ބ. އޭދަފުށީ ޓާފް ފުޓްބޯޅަ ދަނޑު ރޮސްޓްރަމް އާއި ސިޑިބަރި ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
އޭދަފުއްޓަށް އުފަން މަޝްހޫރު ވިޔަފާރިވެރިޔާ ކްރައުން އަހުމަދު ނަޒީރުގެ އެހީގައި އަޅާފައިވާ ޓާފް ދަނޑު އޭނާގެ އެހީގައި ސިޑިބަރިއާއެކު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެވެ.
އެ މަޝްރޫއުގެ ދަށުން 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި 800 އަށް ވުރެ ގިނަ މީހުންގެ ޖާގައިގެ ސިޑިބަރިއެއް ހަދާނެ އެވެ. މީގެ އިތުރުން، އެ މަޝްރޫއު ނިމޭއިރު އެހެން ވަސީލަތްތައް ވެސް އެ ދަނޑުގައި ފުރިހަމަ ކުރަން ވަނީ ނިންމައިފަ އެވެ.
މި ދަނޑުގައި މިހާރު ވަނީ އެންމެފަހުގެ ލައިޓިން ސިސްޓަމެއް ވެސް ގާއިމުކޮށްފަ އެވެ.
އޭދަފުށި ޓާފް ދަނޑަކީ އަމިއްލަ ފަރާތަކުން ހަރަދުކޮށްގެން ރާއްޖޭގައި އެޅި އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑެވެ. އަދި އެ ދަނޑަކީ ބައިނަލްއަގްވާމީ މިންގަނޑުތަކެއް ފެތޭ ގޮތަށް އަޅާފައިވާ ދަނޑެކެވެ.
އެ ދަނޑު ހުޅުވީ 2019 ގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގަ އެވެ.