މެޕްސް ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުން ބާއްވައިފި

މެޕްސް ކޮލެޖްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުގައި އިއްޔެ ބާއްވައިފިއެވެ.

2 ދަންފަޅިއަކަށް ބަހާލައިގެން 200 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅީގެ ޝަރަފުވެރި މެހެމާނަކީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަރަ އެޑިއުކޭޝަން އަލްފާޟިލް މުޙައްމަދު ޙާޝިމްއެވެ. ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮޝަރ އެވެ.

އިއްޔެ ހެދުނު ބޭއްވި ރަސްމިއްޔާތުގައި މެޕްސް ކޮލެޖުގެ އަމިއްލަ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނާއި، އިނގިރޭސި ވިލާތުގެ އެސޯސިއޭޝަން އޮފް ބިޒްނަސް އެގްޒެކެޓިވް (އޭ.ބީ.އީ)، އެސޯސިއޭޝަން އޮފް ޗާރޓަރޑް ސެޓިފައިޑް އެކައުންޓަންޓްސް (އޭ.ސީ.ސީ.އޭ)ގެ ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުން ބައިވެރިވިއެވެ. އަދި އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސް (އޭ.އައި.ބީ)ގެ ޑިގްރީ އާއި މާސްޓަރސް ފުރިހަމަކުރި ދަރިވަރުންވެސް މިރަސްމިއްޔާތުގައި ބައިވެރިވިއެވެ.

އިއްޔެ ނިމިގެންދިޔަ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ދެވަނަ ދަންފަޅި ޚާއްސަ ކުރެވިފައިވަނީ މެޕްސް ކޮލެޖުގެ ފަރާތުން ހިންގަމުންދާ އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮރޑްޝަޔަރގެ ކޯސްތަކުން ދަސްވެނިވި ދަރިވަރުންނަށެވެ. މިގޮތުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އާއި މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން، މާސްޓަރ އޮފް ބިޒްނަސް (ފައިނޭންސް) އަދި މާސްޓަރ އޮފް ބިޒްނަސް (ހޮސްޕިޓަލް އެންޑް ހެލްތް ސަރވިސަސް މެނޭޖްމަންޓް) ކޯސްތައް ފުރިހަމަކޮށްފައިވާ ދަރިވަރުންގެ ތެރެއިން 100 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވިއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެޕްސް ކޮލެޖުގެ ޑެޕިއުޓީ ރެކްޓަރ އަލްފާޟިލާ ފާތިމަތު ރަޝީދު ވިދާޅުވި ގޮތުގައި މެޕްސް ކޮލެޖުގެ ފަރާތުން އަބަދުވެސް މަސައްކަތް ކުރަނީ ވީހާވެސް ގިނަ ދަރިވަރުންނަށް މަތީ ތަޢުލީމުގެ ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ކަމަށެވެ. މިގޮތުން ވިޔަފާރިއާގުޅޭ 7 ދާއިރާއިން ދަރިވަރުން ކޮލެޖަށް ހާޒިރުވެގެންނާއި އޮންލައިންކޮށް ކާމިޔާބުކަމާއެކު ކިޔަވައިދެމުންދާކަން ފާހަގަކުރެއްވިއެވެ.  އަދި ދަރިވަރުންނާއި މުޚާތަބް ކުރައްވާ، މެޕްސް ކޮލެޖުގެ ދަސްވެނިންނަކީ ޤައުމަށް ޚިދުމަތްތެރި ބަޔަކަށް ވުމަށް އިލްތިމާސްކުރެއްވިއެވެ.

އިއްޔެ ބޭއްވުނު ހެދުނުގެ ރަސްމިއްޔާތުގެ ދަންފަޅި ޝަރަފުވެރިކޮށްދެއްވި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހަޔަ އެޑިއުކޭޝަން އަލްފާޟިލް މުޙައްމަދު ހާޝިމްގެ ވާހަކަފުޅުގައި ދަސްވެނިވި ދަރިވަރުން އަދި ހުރިހާ ދަރިވަރުންވެސް ދިރިއުޅުމުގައި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ކަނޑައަޅައި އެލަނޑުދަނޑިތައް ޙާޞިލުކުރުމަށް ގަދައަޅައި މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ރާއްޖޭގައި ތިބެގެން އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ބެޑްފޮޑްޝަޔަރގެ ކޯސްތައް ފުރިހަމަކުރުމަށް ދަރިވަރުންނަށް ފުރުސަތު ހޯދައިދިނުމަކީ ކޮލެޖު ފަޚުރުވެރިވާ ކަމެއް ކަމުގައި ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މެޕްސް ކޮލެޖުގެ ވައިސް ރެކްޓަރ އަލްފާޟިލް މެތިއު ސްޓްރީޓް ވިދާޅުވިއެވެ. އަދި ކޮންމެ ދަރިވަރަކުވެސް އެދަރިވަރަކު ޙާޞިލުކުރި ސެޓްފިކެޓުގެ ސަބަބުން އަމިއްލަ ޙަޔާތަށާއި، ޢާއިލާއަށް އަދި މުޖުތަމަޢަށް ގެނުވަން ބޭނުންވަނީ ކޮންކަހަލަ ބަދަލެއްކަމާއި ދޭތެރޭ ފުންކޮށް ވިސްނާ އެބަދަލު ގެނައުމަށް އިސްނަގައި މަސައްކަތްކުރުމަށް ނަޞޭޙަތްތެރިވެލެއްވިއެވެ.

ދެވަނަ ދަންފަޅީގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވި އިނގިރޭސި ވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮޝަރގެ ވާހަކަ ކޮޅުގައި ދަރިވަރުންނަކީ އަބަދުވެސް ކަންތައްތަކާ ދެތެރޭ ވިސްނާ، ‘ސެލްފް ޑެވެލޮޕްމަންޓް’ އަށް އިސްކަންދޭ ބަޔަކަށްވުމަށް ނަޞޭޙަތްތެރިވެ ވަޑައިގެންނެވިއެވެ. އަދި ދިވެހިރާއްޖޭގެ ތިމާވެށީގެ ނާޒުކުކަމާއި ދޭތެރޭ ފުންކޮށް ވިސްނާ، ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ފަރުދީ ގޮތުން ކުރެވެން އޮތީ ކޮންކަމެއްތޯ ބަލައި އެކަންތައްތައް ކުރުމަށް ދަސްވެނީންނަށް އިލްތިމާސްކުރެއްވިއެވެ.

މިއަހަރުގެ ދަސްވެނިންގެ ތެރެއިން އެކިއެކި ކޯސްތަކުން ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށްވެސް އިއްޔެ ހެނދުނާއި ރޭގައި ބޭއްވުނު ރަސްމިއްޔާތުގައި އިނާމުދެވުނެވެ. އަދި ކޮލެޖަށް ތަފާތު ގޮތްގޮތުން ޚިދުމަތްކުރެއްވެވި ފަރާތްތަކަށްވެސް އެވޯޑްދެއްވުންއޮތެވެ.

މެޕްސް ކޮލެޖަކީ 1999 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށްދެމުން އަންނަ މަރުކަޒެކެވެ. ރާއްޖެއިން ބޭރުގެ ތަފާތު ކޮލިފިކޭޝަންތަކާއި، މެޕްސް ކޮލެޖްގެ އަމިއްލަ ކޯސްތަކުގައި ކިޔެވުމުގެ ފުރުޞަތު އެކޮލެޖުން ފަހިކޮށްދެއެވެ. އަދި 2019 ވަނަ އަހަރުން ފެށިގެން އެމް.ކިއު.އޭ. ގެ ހުއްދައާއެކު އޮންލައިންކޮށް ގިނަ ކޯސްތައް ކާމިޔާބުކަމާއިއެކު ހިންގަމުން އަންނަ ކޮލެޖެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.