
ތަފާތު އެކި ދާއިރާތަކުން ބ. އަތޮޅަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށާއި އަތޮޅަށް އެކި ގޮތްގޮތުން ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ބ. އަތޮޅު ކައުންސިލުން ބާއްވާ ރަންނާ އެވޯޑް ހަފުލާ މިއަހަރު އަލުން ބާއްވަން ނިންމައިފި އެވެ.
އެ އެވޯޑު މި ބާއްވަނީ ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ.
ބ. އަތޮޅު ކައުންސިލުގެ ނައިބް ރައީސް އަދި ބ. މާޅޮހު ކައުންސިލުގެ ރައީސް ޢަބްދުﷲ ސުޖާއު ވިދާޅުވީ ރަންނާ އެވޯޑް ހަފްލާ އަލުން ބާއްވަން އަތޮޅު ކައުންސިލުން ނިންމާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ ފަހުކޮޅު ނުވަތަ އަންނަމަހުގެ ކުރިކޮޅު ހުޅުވާލާނެ ކަމަށެވެ.
“އަޅުގަނޑުމެން އެބަ ވިސްނަން ރަންނާ އެވޯޑުގެ ސިލްސިލާ މިއަހަރު އަލުން ފަށަން. އަތޮޅު ކައުންސިލުން އެކަމަށް ވިސްނަމުން މިދަނީ. އެވޯޑަށް އެދުމުގެ ފުރުސަތު މިމަހު ފަހުކޮޅު ނޫނީ އަންނަމަހު ކުރީކޮޅު ހުޅުވާލެވޭތޯ މިއުޅެނީ.” ސުޖާއު ވިދާޅުވި އެވެ.
ސުޖާއު ވިދާޅުވީ އެވޯޑު ހަފުލާ ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށާއި އެހެންނަމަވެސް ސެޕްޓެމްބަރު މަހު އެވޯޑު ހަފުލާ ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
ބ. އަތޮޅުގައި ތިބި އެކި ދާއިރާއިން ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަން ކުރުމަށް އަތޮޅު ކައުންސިލުން ދެމުން އައި “ރަންނާ އެވޯޑު’ ދިނުން މެދުކެނޑުނީ މުޅި ދުނިޔެއަށް ކުރިމަތިވި ޢާލަމީ ވަބާ ކޮވިޑުގެ ސަބަބުންނެވެ.
