
ޓްރީ ޓޮޕް ހޮސްޕިޓަލަށް ދެއްކި ބޭރު މީހަކު، މަންކީޕޮކްސްއަށް ޝައްކުކުރެވޭތީ ސާމްޕަލް ނަގައި، ޓެސްޓުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި ޓެސްޓް ކުރަނީ ރާއްޖެ އިން ބޭރުން އައި ބިދޭސީއެކެވެ.
އަދި އެމީހާ ޓްރީޓޮޕް ދެއްކީ ހުން އައިސް, ގައިގަ ބައެއް ތަންތަން ރަތްވެފައި ހުރުމުން ކަމަށާ އެ އަލާމާތްތަކަކީ, މަންކީޕޮކްސްއަށް ޝައްކު ކުރެވޭ ފަދަ އަލާމާތްތަކަކަށް ވާތީ ޑޮކްޓަރުން ވަނީ އޭނާގެ އިތުރު ޓެސްޓްތައް ހަދަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅިގެން ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ، އެޗްއީއޯސީން ބުނީ ސިއްހީ ހިދުމަތްދޭ ތަންތަނުން ބައެއް ބަލިތަކަށް ޝައްކު ކުރެވިގެން އެންގުމުން އެކަމުގައި ގޮތެއް ނިންމަނީ ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ. އަދި ބައްޔަކަށް ޝައްކު ކުރެވޭކަމަށް ބުނާނީވެސް ބަލަންޖެހޭ ކަންކަން ބެލުމަށްފަހުކަމަށެވެ.
ރާއްޖޭގެ އާންމު ސިއްހަތާބެހޭ އިދާރާ އެޗްޕީއޭއިން ލަފާކުރާ ގޮތުގައި ރާއްޖެއާ ހަމައަށް މިބަލި ފޯރުމުގެ ފުރުސަތު އެބަ އޮތެވެ. މިބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ މީހުންނާއި އެކަހެރިވެ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.
