ގޮއިދޫ ސްކޫލް ކުދިން މަހަކު އެއްފަހަރު ބައިސްކަލުގައި ސްކޫލަށް

ބ. ގޮއިދޫ ސްކޫލުގެ ކުދިން ކޮންމެ މަހެއްގެ އެއް ދުވަހު ބައިސްކަލުގައި ސްކޫލަށް ކިޔަވަން ދާންޖެހޭ ގޮތަށް އެ ސްކޫލުން ހަމަޖައްސައިފި އެވެ.

ކޮންމެ މަހެއްގެ ފުރަތަމަ ބުދަ ދުވަހު ފާހަގަކުރާ “ބައިކް ޓު ސްކޫލް” ނުވަތަ “ވޯކް ޓު ސްކޫލް” ގައި އެ ސްކޫލުގެ ކުދިންނާއި ޓީޗަރުން އަދި ބެލެނިވެރިން ބައިވެރިވާނެ އެވެ.

ޕްރިންސިޕަލް މުހައްމަދު ނިޒާމް މިއަދު “މިހާރު” އަށް ވިދާޅުވި ގޮތުގައި ގޮއިދޫ ސްކޫލުގެ ކުދިންނަކީ ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިންގާ އެ ހަރަކާތުގެ ފުރަތަމަ ދުވަސް މިއަދު ފާހަގަކުރިއިރު، ބޮޑު ތަރުހީބެއް ލިބުނެވެ.

ނިޒާމް ވިދާޅުވީ މަހަކު އެއްފަހަރު، ބައިސްކަލުގައި ދާ ގޮތަށް ހަމަޖެއްސީ، ކޮންމެ ދުވަހަކު އެކަން ކުރަން އުނދަގޫތަކެއް ހުންނާނެތީއެވެ.

އޭނާ ވިދާޅުވީ، ފުރަތަމަ ދުވަހުގެ ތަޖުރިބާއަށް ބަލާއިރު، ދަރިވަރުން ތިބީ ވަރަށް ހިތްހަމަޖެހިފައި ކަމަށާއި، އަންނަ މަހުން ފެށިގެން ކައުންސިލުގެ މުވައްޒަފުން ވެސް އެ ހަރަކާތުގައި ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

122 ކުދިންގެ އާބަދީއެއް އޮތް ގޮއިދޫ ސްކޫލުން ވަނީ ދަރިވަރުންގެ ސިއްޙަތަށް ދޭ ސަމާލުކަން އިތުރުކުރުމުގެ ގޮތުން ކޮންމެ އަންގާރަ ދުވަހަކު، ސްކޫލަށް މޭވާ ގެންދާ ގޮތަށް ވެސް ވަނީ ހަމަޖައްސާފައެވެ. އެގޮތުން ދަރިވަރުން މޭވާ ކެއުމަށް އެ ދުވަހު ދިހަ މިނެޓް ޚާއްޞަ ކުރާނެއެވެ.

” ދުޅަހެޔޮ ކަމަށް ކަސްރަތާއެކު ކެއުމުގެ އާދައަށް ވެސް ބަދަލު އަންނަންޖެހޭ. އެކަން ފަށަން ޖެހެނީ ސްކޫލްގެ ތެރެއިން. މިކަމުގެ ސަބަބުން މޭވާ ކެއުމުގެ އާދަ ދަރިވަރުންގެ މެދުގައި އަށަގެންނުވޭނެ” ނިޒާމް ވިދާޅުވިއެވެ.

“ދަރިވަރުންގެ ކިބައިގައި ހެލްތީ ހެބިޓްސް އަށަގަތުވުމަކީ އެންމެ ބޮޑު ބޭނުން،” ނިޒާމް ވިދާޅުވި އެވެ.

ގޮއިދޫ ސްކޫލަކީ ކުޅިވަރުގައި ނަމޫނާ ސްކޫލެކެވެ. ނަމަވެސް ކޮވިޑު-19 ގެ ސަބަބުން ސްކޫލްގެ އިތުރު ހަރަކާތްތައް މަޑުޖެހުމާ ގުޅިގެން ކުދިން ވެސް ކުރިއަށް ވުރެ ފިޓް ނޫން ކަމަށް ނިޒާމް ވިދާޅުވި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.