ތުޅާދޫގައި އެއާޕޯޓެއް ހަދާނެ ބަޔަކު ހޯދަން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި

ތުޅާދޫގެ މަތިން ނަގާފައިވާ ޑްރޯން ފޮޓޯ އެއް: އަދަދު ފޮޓޯ/އާއިމް ޒަމީރު

ބ. އަތޮޅު ތުޅާދޫ ހިމެނޭގޮތަށް ރާއްޖޭގެ ހަ ރަށެއްގައި އެއާޕޯޓު ހަދާނެ ބަޔަކު ހޯދަން ޕްލޭނިން މިނިސްޓްރީން ތިން ވަނަ ފަހަރަށް އިއުލާނުކޮށްފި އެވެ.

އެ މަސައްކަތް ކުރުމަށް މިނިސްޓްރީން ކުރި ފުރަތަމަ އިއުލާނަށް އެކަށިގެންވާ ތަރުހީބެއް ނުލިބުމުން ދެވަނަ ފަހަރަށް އިއުލާނުކުރީ ވެސް ބީލަމުގައި އަގު ކުރެވޭނެ އެންމެ ދަށް އަގެއްގެ ގޮތުގައި ކުރިން ކަނޑައަޅާފައިވާ އަދަދު ތިން މިލިއަން ޑޮލަރަށް ދަށްކުރުމަށް ފަހުއެވެ.

ޕްލޭނިން މިނިސްޓްރީން ބުނިގޮތުގައި އެ އިއުލާންކުރި ގަވާއިދު “ކްރޮސް ސަބްސިޑީގެ ގޮތުގައި ފަތުރުވެރިކަމުގެ ބޭނުމަށް ރަށް ބިން ނުވަތަ ފަޅު ކުއްޔަށް ދިނުމާ ބެހޭ ގަވާއިދު” އަށް އައި ބަދަލަކާ ގުޅިގެންނެވެ.

އެކަމަކު، ކުރިން ހުޅުވައިލި ފުރުސަތުގައި އެކަމަށް އެދި ޕްރޮޕޯސަލް ހުށަހެޅި ފަރާތްތަކުގެ ޕްރޮޕޯސަލް ބާތިލު ނުވާނެއެވެ. އަދި އަލުން ޕްރޮޕޯސަލް ހުށަހަޅާކަށް ނުޖެހޭނެއެވެ.

އެއާޕޯޓު އަޅަން ހަމަޖެހިފައިވާ ރަށްތައް:

  • ހދ. މަކުނުދޫ
  • ށ. ބިލެއްފަހި
  • ބ. ތުޅާދޫ
  • ތ. ވިލުފުށި
  • ފ. މަގޫދޫ
  • ރ. އަތޮޅުގެ ދެކުނު ބުރިން ރަށެއް

މި ފަހަރުގެ އިއުލާނުގައިވާ ގޮތުން ވެސް ރ. އަތޮޅުގައި އެއާޕޯޓު ހަދާނެ ވަކި ރަށެއް އަދިވެސް ފައިނަލެއް ނުވެ އެވެ. މިހާރު ވެސް ރ. އިފުރުގައި އެއާޕޯޓެއް ހިންގަމުން އަންނައިރު އެ އަތޮޅު އަލިފުށީގައި ވެސް އެއާޕޯޓެއް ހެދުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.

މިނިސްޓްރީން ބުނީ ކޮންމެ އެއާޕޯޓަކީ ވަކި މަޝްރޫއަކަށް ވާތީ، އެ ކަމަށް ޝައުގުވެރިކަން ފާޅުކުރުމުގައި، ހަދާނީ ނުވަތަ ފައިނޭންސް ކުރާނީ ކޮން އެއާޕޯޓެއް ކަން ބަޔާންކުރަން ޖެހޭނެ ކަމަށެވެ. ޝައުގުވެރިކަން ފާޅުކުރާއިރު ފައިނޭންސް ކުރުމަށް އެންމެ މަދުވެގެން ތިން މިލިއަން ޑޮލަރު ހުށަހަޅަން ޖެހެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.