
ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ހަތަރު ވަނަ ޝިޕްމެންޓް އެ ރަށަށް ގެންގޮސްފި އެވެ.
ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދަނީ އެމްޓީސީސީންނެވެ.
އެމްޓީސީސީން މިއަދު ބުނީ މަޝްރޫއުއަށް ބޭނުންވާ ބޮޑުހިލައިގެ ހަތަރުވަނަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށާއި ބޭރުތޮށި ލުމުގެ 60 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
39.9 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން ކެންދޫގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް 803 މީޓަރުގެ ބޭރުތޮށި ލުމާއި، 90 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ. އަދި 80 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓެއް ޖެހުމާ އެކު 20 މީޓަރު ފުޅާ، 40 މީޓަރު ދިގު ސަރަހައްދެއް ފުންކޮށް މޫދަށް އެރޭ ސަރަހައްދެއް ތަރައްގީކުރާނެ އެވެ.
އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު އެމްޓީސީސީއާއި ހަވާލުކުރީ ނޮވެމްބަރު 25, 2021 ގަ އެވެ.
