
ބ. އަތޮޅު ސްކޫލުތަކުގެ ދަރިވަރުންނަށް މުރަކަ ދިރުވާ އާލާކުރަން ދަސްކޮށްދޭ ޕްރޮގްރާމެއް ފުޅަދޫގައި ފަށައިފި އެވެ.
ބ. އަތޮޅު ކައުންސިލުން އިސްނަގައިގެން ކުރިއަށް ގެންދާ މި ޕްރޮގާމުގައި، ބ. އަތޮޅުގެ ދިހަ ސްކޫލުން ބައިވެރިވެ އެވެ. މި ޕްރޮގްރާމުގެ ދަށުން މުރަކަ އާލާކޮށް ދިރުވާނީ އެ ރަށެއްގެ ފަޅުތެރޭގައި އެ ރަށެއްގެ ސްކޫލްގެ ދަރިވަރުންނެވެ.
ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، ޓޫރިޒަމް މިނިސްޓްރީގެ އެހީތެރިކަމާއެކު ބ. އަތޮޅު ކައުންސިލުން ކުރިއަށް ގެންދާ މި ޕްރޮގްރާމު ފައްޓަވައިދެއްވީ އެންވަރަމަންޓް މިނިސްޓަރު ޑރ، ހުސައިން ރަޝީދު ހަސަނެވެ.

ބ. އަތޮޅު ކައުންސިލުން ބުނީ، މި ޕްރޮގްރާމުގެ ދަށުން މުރަކަ ދިރުވާ އާލާކުރާނެ ފްރޭމްތަކާއި އެހެނިހެން ސާމާނު ކައުންސިލުން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކުދިން ކުރަމުންދާ މަސައްކަތާއި މުރަކަ އާލާވަމުންދާ ގޮތް މޮނީޓާކޮށް ބަލަމުން ގެންދާނެ ކަމަށްވެސް އަތޮޅު ކައުންސިލުން ބުންޏެވެ. .
ބ. އަތޮޅު ކައުންސިލުން ބުނީ މި ޕޮރޮގްރާމް ކުރިއަށް ގެންދަން ބ. އަތޮޅުގެ ރިސޯޓްތަކުން އެހީތެރިކަން ފޯރުކޮށް ދެމުން ދާނެ ކަމަށެވެ.
