ދަރަވަންދޫ ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހުށަހަޅައިފި

ބ. ދަރަވަންދޫ ކައުންސިލުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްއާ ބައްދަލުކުރައްވައި  ރައްޔިތުންގެ ކަންބޮޑުވުންތައް އެމަނިކުފާނާ މިއަދު ހިއްސާކުރައްވައިފި އެވެ.

އެ ބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި އެރަށުގައި މިހާރުވެސް ތަރައްޤީގެ އެކި އެކި މަޝްރޫޢުތައް އެކި މަރުޙަލާގައި ކުރިޔަށް ދިޔަކަމުގައިވިޔަސް ބައެއް ކަހަލަ ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެއްވިއެވެ.

އެގޮތުން، ދަރަވަންދޫގެ ބަނދަރާއި އެއަރޕޯޓާ ދެމެދުގައިވާ ސަރަޙައްދުގައި ރިވެޓްމެންޓް ނުޖެހި އޮތުމާއި، ސްކޫލްގެ ޖާގައިގެ ދަތިކަމާއި،ޞިއްޙީ މަރުކަޒުގެ ޚިދުމަތް އިތުރުކުރަން ބޭނުންވުމާ، ޒަމާނީ މިސްކިތަކާއި ޒުވާނުންގެ މަރުކަޒެއް ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ވެސް ރައްޔިތުންގެ ބޯހިޔާވަހިކަމަށް ފްލެޓް އަޅަން ބޭނުންވާކަމަށާއި ރަށުގެ މަގުތައް ފެންވަރު ރަނގަޅުކޮށް ހެދުމަށް ބޭނުންވާކަން ކައުންސިލުން ވަނީ ހިއްސާކުރައްވާފަ އެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ދަރަވަންދޫގެ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް އެދެވޭ ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރެއްވުމަަށް ފަހު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ މަޝްރޫޢުތައް ފާހަގަކުރައްވާނެކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރައީސް ޞާލިޙްގެ ސަރުކާރަކީ ރާއްޖޭގެ ތަރައްޤީގައި ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ސިޔާސީ ފިކުރަކަށް ބެލުމެއްނެތި ތަރައްޤީއާއި ރަށްތަކަށް ބޭނުންވާ ޚިދުމަތްތައް ދެއްވަމުންގެންދަވާ ސަރުކާރެކެވެ. އަދި، މިފަދަ އެތަކެއް ސަބަބުތަކަށްޓަކައި ރައީސް ޞާލިޙަކީ ރައްޔިތުންގެ ވެރިކަމެއް ކުރައްވާ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ބަލައިގެންފައިވާ ކަމަށް ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދަރަވަންދޫ ކައުންސިލް މެންބަރުންގެ އިތުރުން އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންވެސް ބައިވެރިވެވަޑައިގަތެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.