ފައިނަލުގެ ފަހު ޖާގަ ހޯދަން އޭދަފުއްޓާއި ހިންނަވަރު މިއަދު ނުކުންނަނީ

ކްލަބް އޭދަފުއްޓާއި ހިންނަވަރު ކުރިން ބައްދަލުކުރި މެޗުގެ ތެރެއިން– ފޮޓޯ: ހިންނަވަރު ފުޓްބޯލް ޗެމްޕިއަންޝިޕް

އެސްޓީއޯ ހިންނަވަރު ފުޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލުގެ ފަހު ޖާގަ ހޯދަން ކްލަބް އޭދަފުއްޓާއި ހިންނަވަރު ސްޕޯޓްސް ކްލަބް މިއަދު ނުކުންނާނެ އެވެ.

ފަސް ޓީމު ބައިވެރިވި މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދީ އެންމެ ފަހުގެ ޗެމްޕިއަން ނައިފަރު ޗެލްސީ އެފްސީ އެވެ. ނައިފަރު ޗެލްސީ ފައިނަލަށް ދަތުރުކުރީ ފުރަތަމަ ސެމީގައި އޭދަފުށި 0-4 އިން ބަލިކޮށްގެންނެވެ. ދެ ވަނަ ސެމީގައި ހިންނަވަރުން ވަނީ 6-0 އިން ވެލިދޫ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. މުބާރާތް ރޭވިފައިވާ ގޮތުން ފައިނަލުގެ ފަހު ޖާގަ ލިބޭނީ ފުރަތަމަ ސެމީގައި ބަލިވި ޓީމާއި ދެ ވަނަ ސެމީގައި މޮޅުވި ޓީމު ވާދަކުރާ މެޗުން މޮޅުވާ ޓީމަކަށެވެ.

ލީގު ބުރުގައި އޭދަފުށިން ވަނީ 5-1 އިން ހިންނަވަރު ބަލިކޮށްފަ އެވެ. އަލީ އަޝްފާގް (ދަގަނޑޭ) ހިމެނޭ ހިންނަވަރާ ދެކޮޅަށް އެދުވަހު އޭދަފުށިން މޮޅު ކުޅުމެއް ދެއްކި އެވެ. އެކަމަކު އޭގެފަހުން ކުޅުނު މެޗުތަކުގައި އެ ކުޅުން ތަކުރާރެއް ނުކުރެވުނެވެ. ލީގު ބުރުގައި ނައިފަރު ޗެލްސީ އަތުން ބަލިވިއިރު ވެލިދޫއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ. ލީގު ބުރުގައި ހިންނަވަރުގެ އިތުރުން އޭދަފުށި މޮޅުވީ ނައިފަރު ބަޒޫކާ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗުންނެވެ. ފަހުން ކުޅުނު މެޗުތަކުގައި ޓީމުގެ މުހިއްމު ބައެއް ކުޅުންތެރިންނަށް ނުކުޅެވުނުއިރު، ގާތްގާތުގައި މެޗުތައް ކުޅެން ޖެހުމުން ޓީމުން ވަރުބަލިކަން ފާހަގަކުރެވުނެވެ. މުބާރާތަށް ކްލަބް އޭދަފުށިން ޓީމު އެކުލަވާލީ ރަށުގައި ތިބި ޒުވާން ކުޅުންތެރިންނަށް އިސްކަންދީގެންނެވެ.

މިއަދުގެ މެޗުން މޮޅުވާ ޓީމާ އެކު ނައިފަރު ޗެލްސީ އެފްސީ އިން ފައިނަލުގައި ވާދަކުރާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އެވެ. ނައިފަރު ޗެލްސީ އެފްސީ އަކީ ލީގު ބުރުގެ އެއް ވަނަ ހޯދި ޓީމެވެ. ދެ ވަނަ ކްލަބް އޭދަފުއްޓަށް ލިބުނުއިރު ތިން ވަނަ ލިބުނީ ހިންނަވަރަށެވެ. ހަތަރު ވަނަ ވެލިދޫ ސްޕޯޓްސް ކްލަބަށް ލިބުނުއިރު ފުލަށް ދިޔައީ ނައިފަރު ބަޒޫކާ ސްޕޯޓްސް ކްލަބެވެ.

ހިންނަވަރާއި އޭދަފުށި ވާދަކުރާ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. މެޗު ކުޅޭނީ މުބާރާތް ކުރިއަށްދާ ހިންނަވަރު ޓާފް ފުޓްބޯޅަ ދަނޑުގަ އެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.