އޭދަފުށީގެ ނިޝާމް އާއި ފެހެންދޫގެ ބައްކު ގައުމީ ފުޓްބޯޅަ ޓީމުގައި

ގައުމީ ޓީމުގެ ފައިނަލް ސްކޮޑުން މުޅިން އަލަށް ފުރުސަތު ހޯދި ބ. އަތޮޅުގެ ދެ ކުޅުންތެރިން ކަމަށްވާ ބައްކު (ކ) އާއި ޕޮގްބާ (ވ)

މި މަހު ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ނެގި ގައުމީ ސީނިއާ ޓީމުގައި ބ. އަތޮޅަށް ނިސްބަތްވާ ދެކުޅުންތެރިން ހިމެނިއްޖެ އެވެ.

23 ކުޅުންތެރިންގެ ފައިނަލް ސްކޮޑުން ޖާގަ ހޯދި ބ. އަތޮޅަށް ނިސްބަތްވާ ދެ ކުޅުންތެރިންނަކީ އޭދަފުށީގެ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ފެހެންދޫގެ އަހުމަދު ބައްސާމް (ބައްކު) އެވެ.

ސީނިއާ ގައުމީ ޓީމު މި މަހު ކުޅޭ އެކުވެރިކަމުގެ މެޗުތަކުގައި ނުކުންނާނީ ބްރޫނާއީ އަދި ލާއޯސްއާ ދެކޮޅަށެވެ. ފުރަތަމަ މެޗުގައި މި މަހުގެ 21 ވަނަ ދުވަހު ބްރޫނާއީއާ ދެކޮޅަށް ކުޅޭއިރު ދެ ވަނަ މެޗުގައި ލާއޯސްއާ ދެކޮޅަށް ނުކުންނާނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. ދެ މެޗު ކުޅުމަށް ގައުމީ ޓީމު އިއްޔެ ވަނީ ބްރޫނާއީ އަށް ފުރައިފި އެވެ.

ނިޝާމް އަކީ މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މެދުތެރޭގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމުގައި ގަވައިދުން ހިމެނޭ ނިޝާމް ސީނިއާ ގައުމީ ޓީމާ އެކު ޕްރެކްޓިސް ކުރަންފެށީ މިފަހަރު އެވެ. އޭދަފުށިން ތައުލީމް ހާސިލްކުރުމަށް ފަހު ފުރަތަމަ ޑިވިޝަނުގެ ފުޓްބޯޅައިން ނިޝާމް އެންމެ ފުރަތަމަ ވެސް ފެނުނީ ޓީސީ އިންނެވެ.

ޔުނައިޓެޑް ވިކްޓްރީގެ ބައްކު އަކީ މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ. މޮޅަށް ކުޅެމުން ދަނިކޮށް މީގެ އަހަރެއްހާ ދުވަސް ކުރިން ބައްކު އަށް ދިމާވީ އަނިޔާގެ މައްސަލަ އެވެ. އެހެންނަމަވެސް ރިކަވަރީ އަށް ފަހު މިދިޔަ ސީޒަނުގައި ބައްކު ވަނީ އުއްމީދީ ކުޅުމެއް ދައްކާފަ އެވެ. ކުރިން ވެސް ބައްކު ވަނީ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވެފަ އެވެ. އެކަމަކު މިއީ ސީނިއާ ޓީމުގެ ފައިނަލް ސްކޮޑުން ބައްކު އަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

ބައްކު ވެފައިވަނީ ކުޑަ އާބާދީއެއް އޮންނަ ފެހެންދޫ އިން ސީނިއާ ގައުމީ ޓީމުގައި ހިމެނުނު ފުރަތަމަ ކުޅުންތެރިޔާއަށެވެ. އާބާދީ މަދަސް ފެހެންދޫ އިން ވަނީ މީގެ ކުރިން ބޭއްވި އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ގަދަ ހަތަރު ޓީމުގެ ތެރޭގައި ހިމެނި ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް ވާދަކޮށްފަ އެވެ.

ސީނިއާ ގައުމީ ޓީމުގައި މިހާރު އޭދަފުށީގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. އެކަމަކު މިފަހަރުގެ ޓީމާ އެކު ދަތުރުކޮށްފައިވަނީ އޭދަފުށީގެ ތިން ކުޅުންތެރިންނެވެ. އެއީ ނިޝާމްގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު) އާއި ހައިޝަމް ހަސަން އެވެ. އާއްމުކޮށް ގައުމީ ޓީމުގައި ހިމެނޭ އަލީ ފާސިރު (ސެންޓޭ) އަނިޔާގެ ސަބަބުން މިފަހަރު ގައުމީ ޓީމާ އެކު ދަތުރެއް ނުކުރެ އެވެ.

ގައުމީ ޓީމުގައި ހިމެނުނު ބ. އަތޮޅުން ހިމެނުނު ދެ ކުޅުންތެރިންނަށް “އީޓީ” ގެ ނަމުގައި މަރުހަބާ ކިޔައި ކާމިޔާބީ އަށް އެދެމެވެ. 

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.