
ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައި ބީއްސާލާ ކޮންމެ ރާޅަކާއެކު، ގޮނޑުދޮށް ދިއްލާލައެވެ. މިއީ މަދުން ނޫނީ ނުފެންނާނެ މަންޒަރެކެވެ. ރާއްޖޭގެ ރަށްތަކުގެ ތެރެއިން މިގޮތަށް ރެދަން ލަނީ މަދު ރަށްތަކެއްގައެވެ. އެ ވެސް ހާލަކުން ފަހަރަކުއެވެ.
ބ. އަތޮޅުގެ ބައެއް ރަށްރަށުން ރެ އާއި އޭގެ ކުރީ ރޭ ފެނިގެންދިޔައީ މި މަންޒަރެވެ. ރެދަން ލައި، ރަށްރަށުގެ ގޮނޑުދޮށް އޮތީ ދިއްލާލާފައެވެ.
ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯތަކުން ފެންނަ ގޮތުގައި ބ. އަތޮޅުގެ ވަރަށް ގިނަ ރަށްތަކުގައި ވަނީ ރެދަން ލައިފަ އެވެ. އޭދަފުއްޓާއި މި އަތޮޅު ދަރަވަންދު އާއި ކުޑަރިކިލާއި ގޮއިދު އާއި ފެހެންދޫ އަދި ބައެެއް ރިސޯޓުތަކުގައި ވެސް ރެދަންލި އެވެ.


މިއަތޮޅު ބައެއް ރަށްރަށުގެ ގޮނޑުދޮށުގައި ރެދަންލާފައިވާ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާ އެކު، ރޭ ވެސް ގިނަ ބަޔަކު ގޮނޑުދޮށަށް ޖަމާވިއެވެ.
އިރުއޮއްސުމާއެކު ރާޅުފަށުގައި ހުންނަ ނޫކުލައިގެ އަލިކަން ވިދަވިދާ ހުރެ އެވެ. އެކަމަކު އެ އަލި އެންމެ ގަދަވަނީ ރާޅު ބީއްސާލާފައި ދަމާލާ ވަގުތުގަ އެވެ. އެ ވަގުތު މުޅި ގޮނޑުދޮށް ފެންނަނީ ނޫކުލަ އިން ދިއްލިފައިވާ ސާލެއް ވައިރޯޅިއަކާ އެކު ހަރަކާތްކުރާ ފަދަ އިންނެވެ.

ރެދަން ލާފައިވާ މަންޒަރު ބަލަން އާއިލާތައް އެކުގައި ގޮސް ރެދަން ލާފައި ހުންނައިރު ޖަހާ ރާޅާއެކު ނޫކުލައިން ދިއްލިގެންދާ ވަގުތު، އެ ހިތްގައިމު މަންޒަރު ފޮޓޯ ނަގައި ވީޑިއޯކޮށް، ރީތިކަމުގެ ވާހަކަ ދައްކަ އެވެ.
ވަކި ދުވަސްވަރަކާ ދިމާކޮށް ރެދަން ލަނީ ލޮލަށް ނުފެންނަ ވަރުގެ ކުދި ސޫފިތަކެއް ކަމަށްވާ ބަޔޮލުމިނެސެންސް ފައިޓޮޕްލެންކްޓަންސްގެ ސަބަބުންނެވެ. އެއީ އެހެން އެއްޗެއްގައި ޖެހުމާ އެކު ކުޑަ ވަގުތުކޮޅަކަށް ދިއްލޭ ދިރުމެކެވެ.