ގްރީން ފަންޑުން މިދިޔަ ނޮވެމްބަރު މަހު ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް 3.8 މިލިއަން ރުފިޔާ ހޭދަކޮށްފި އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި ގްރީން ފަންޑުން ނޮވެމްބަރުމަހު ސާޅީހަށްވުރެ ގިނަ ޕްރޮޖެކްޓަކަށް 51.3 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އޭގެ ތެރެއިން ކެންދޫގައި ކުރިއަށް ގެންދިޔަ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަށް 3.8މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ކެންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް މިދިޔަ ނޮވެމްބަރުމަހު ވަނީ ނިންމާލައިފަ އެވެ.
މި މަޝްރޫޢުގެ ދަށުން، އެރަށުގައި 1200 ކިއުބިކް މީޓަރުގެ ފަތާ ސަރަޙައްދެއް ފުން ކުރުމާއި، 803 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 110 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ވަނީ ޖަހައިފަ އެވެ. އަދި 90 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިންސް ވެސް ޖަހައިފަ އެވެ.
މި މަޝްރޫއަށް 341.1 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
ގްރީން ފަންޑުން އޭޕްރިލްމަހު އެންމެ ބޮޑު ހަރަދެއް ކުރީ އއ. މަތިވެރީގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއަށެވެ . އެގޮތުން އެ ރަށުގެ އެ މަސައްކަތަށް 4.9މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ގްރީން ޓެކްސް ނަގަން އެންމެ ފުރަތަމަ ފެށީ 2015 ވަނަ އަހަރު އެވެ. އެންމެ ފުރަތަމަ ނަގަން ފެށީ ރިސޯޓުތަކާއި ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި ތިބޭ ބޭރުގެ ޓޫރިސްޓުންގެ އަތުންނެވެ. ދިވެހިންނާއި ރެސިޑެންޓް ވިސާގައި ރާއްޖޭގައި ތިބޭ ބޭރު މީހުން ފިޔަވައި އެހެން ބިދޭސީންގެ އަތުން ދުވާލަކަށް ހަ ޑޮލަރުގެ މަގުން ނަގާ މި ޓެކްސް ގެސްޓު ހައުސްތަކުން ނަގަން ފެށީ އޮކްޓޫބަރު 2016 ން ފެށިގެންނެވެ.
ގްރީން ޓެކްސް އެންމެ ގިނައިން ލިބޭ އަތޮޅުތަކުގެ ރަށްތަކަށް އިސްކަމެއް ނުދެވެނީ ކީއްވެބާ؟