
ބ. ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.
ހެލްތް މިނިސްޓްރީން އިއްޔެ ކޮށްފައިވާ ޓްވީޓެއްގައި ބުނީ ތުޅާދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން 123 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްފައިވާ ކަމަށެވެ.
ހެލްތު މިނިސްޓްރީން ބުނި ގޮތުގައި އެމްޓީސީސީ އާ މި ސައްކަތް ހަވާލުކުރީ 540 ދުވަހުގެ ތެރޭގައި ނިންމުމަށެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް މިމަހުގެ ކުރީކޮޅު އޭދަފުއްޓަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލުކުރައްވައި ރައީސް ސޯލިހު ވަނީ ތުޅާދޫގައި ހޮސްޕިޓަލެއް ހެދުމަކީ ސަރުކާރުގެ ވައުދެއް ކަމަށާއި އެ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި މިމަހުތެރޭ ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ.
އެ މަނިކުފާނު އެދުވަހު ވިދާޅުވީ، އެއީ ހަމައެކަނި ބުނެލާ ވާހަކައެއް ނޫން ކަމަށާއި ވައުދާ އެއްގޮތަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށެވެ.
އެ ބައްދަލުވުމުގައި ރައީސް ވަނީ ތުޅާދޫގައި ސަރުކާރުން ހަދަން ބުނި އެއާޕޯޓްވެސް ކުރިއަށް އޮތް ދެތިން ހަފުތާގެ ތެރޭގައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށް ވިދާޅުވެފަ އެވެ.