
ބ. އަތޮޅުގައި އޮންނަ ފަޅުރަށެއް ކަމަށްވާ ކެޔޮދޫގައި ވެލާތަކެއް ފަޅައި، ކެއްކުމުގައި އުޅުނީ މި އަތޮޅު ކެންދޫ ބަޔަކު ކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.
އީޕީއޭ އިން ބުނި ގޮތުގައި ވެލާތައް ފަޅައި ކެއްކުމުގައި ހަރަކާތްތެރިވީ މިއަތޮޅު ކެންދޫގެ ފަސް ފިރިހެނުންގެ ގްރޫޕަކުންނެވެ. އެ ގްރޫޕުން ހަ ވެލާ ފަޅާލި އެވެ.
އީޕީއޭ އިން ބުނީ ބަޔާން ނެގުމަށް ފަހުގައި އެ ފަސް މީހުން މިހާރު ދޫކޮށްލާފައިވާ ކަމަށާއި މިހާރު އެ މައްސަލައިގާ ކުރިއަށްދަނީ ލީގަލް މަރުހަލާ ކަމަށެވެ. އަދި އެއަށްފަހު ގާނޫނީ ގޮތުން އަޅަންޖެހޭ އިތުރު ފިޔަވަޅު އަޅާނެ ކަމަށް ވެސް އިީޕީއޭ އިން ބުންޏެވެ.
ކެޔޮދު އަށް ބަޔަކު ގޮސް، އެ ރަށުގައި ވެލާ ފަޅައިގެން އުޅޭ ކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބުނީ މިދިޔަ ހުކުރު ދުވަހު ހަވީރެވެ.
ބަޔޮސްފިއަރ ރިސާވް އޮފީހުގެ މުވައްޒަފުންނާއި ފުލުހުން އެރަށަށް ދިޔައިރު ވެލާތައް ފަޅާލާފައިވާ ސަރަހައްދުގައި ސަތަރި ގަނޑެއްމަތީގައި ހަ ވެލާގެ ތޮށިގަނޑު އޮތެވެ. މިހުރިހާ ވެލައެއްވެސް އޮތީ މަރާލައި އޭގެ މަސްތަކާ ވެލާ ކުނޑިހޭނުމަށް ބޭނުންކުރާ އޭގެ ބަނޑުގައި ހުންނަ ސަރުބީތައްވެސް ނަގާ ފުޅިމަދު ފޮށިތަކަށް އަޅާފައެވެ. އަދި ބައެއް ސަރުބީތައް ކައްކާ ކުނޑި ހާނާފައި ހުރިކަމަށްވެ އެވެ.
ވެލާ ކަހަނބުގެ ދިރުންްތައް މުޅި ދުނިޔެއިން ވެސް ނެތިގެން ހިނގައިދާނެ ކަމުގެ ބިރާ އެކު އެތަކެއްޗަށް ގެއްލުން ދިނުމާއި، އެތަކެތީގެ މަސްކެއުމުގެ ބޭނުމުގައި މަރަމުން ދިއުމަކީ މަނާ ކަމެކެވެ. 2016 ވަނަ އަހަރުން ފެށިގެން ވެލާ ކަހަނބު ވަނީ ފުރިހަމައަށް ހިމާޔަތްކޮށްފަ އެވެ.