
ބ. މާޅޮސް ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ސަރުކާރުން މިއަދު އެމްޓީސީސީއާއި ހަވާލުކޮށްފި އެވެ.
މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ، ޒީނިޔާ ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޗީފް އޮޕަރޭޓިން އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 69.47 މިލިއަން ރުފިޔާއެވެ. އެމްޓީސީސީ އާއި މި މަޝްރޫއު ހަވާލުކުރރީ 450 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.
މި މަޝްރޫއުގެ ދަށުން، 7،512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 36،527 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އައު ހާބަރު ބޭސިން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ.
އަދި 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕަކާއި 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
އޭގެ އިތުރުންވެސް 1،475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ވޭތުވެދިޔަ 42 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމާލާފަ އެވެ.