މޫލީ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފި

އީ-ކޮމާސް ޕްލެޓްފޯމް މޫލީ އިން މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކޮށްފި އެވެ.

މޫލީ ޕްލެޓްފޯމްގައި ހިމެނޭ މި އާ ކެޓަގަރީ – މޫލީ މާކެޓް ގެ ސަބަބުން ފަސޭހަކަމާއެކު، ގޭގައި އަދި ކޮންމެތާކު ތިބެގެން ވެސް ލޯކަލް މާރުކޭޓުން ލިބޭ ތާޒާ މޭވާ އާއި ތަރުކާރީ އޮންލައިންކޮށް ގަނެ ގެއާ ހަމައަށް މުޅިން ހިލޭ ލިބުމުގެ ފަސޭހަ ކަސްޓަމަރުންނަށް ލިބެ އެވެ. މޫލީ މާކެޓަކީ މި ރަމަޟާން މަހު ފިހާރަތަކާއި މާރުކޭޓުތަކުގައި ކިޔޫގައި ނުޖެހި ބާޒާރުކޮށްލުމުގެ ފަސޭހަ ފަހިވާނެ ދުމަތެއް ކަމަށް އުރީދޫން ބުނެ އެވެ.

މޫލީ މެދުވެރިކޮށް ލިބެން ހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރޭގައި ލުނބޯ، ފިޔާ، ހިކަނދިފަތް، ކެބެޖް، އަލަނާސި، ބަރަބޯ އިނގުރު، ފެހި މިރުސް ފަދަ ތަކެތި ހިމެނެ އެވެ. މޫލީ މާކެޓުގައި ލިބެން ހުރި ތަރުކާރީ އާއި މޭވާ ހޯދަނީ ލޯކަލް މާރުކޭޓްގައި ވެސް ވިޔަފާރި ކުރާ ފަރާތްތައް ކަމަށްވާ ހެބިޓަސް ފްރެޝް އަދި އެގްރިޒާ މޯލްޑިވްސް ފަދަ ވިޔަފާރިތަކުންނެވެ. އަދި މާލޭގެ މާރުކޭޓުގައި މޭވާ އާއި ތަރުކާރީ ލިބެން ހުރި ހެޔޮ އަގުގައި މޫލީ މެދުވެރިކޮށް ވިޔަފާރި ކުރެވޭއިރު، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގްރޭޓާ މާލެ ތެރޭގައި ގެއާއި ހަމައަށް މުޅިން ހިލޭ ޑެލިވަރީގެ ހިދުމަތް ލިބުމަކީ ކަސްޓަމަރުންނަށް ލިބިގެންދާ އިތުރު ލުއެކެވެ.

އުރީދޫގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ ކަސްޓަމަރުންނަށް ކިއުގައި ނުޖެހި ކޮންމެތާކުން ވެސް ފަސޭހަކަމާއެކު ބާޒާރުކޮށްލުމުގެ ތަޖުރިބާއެއް ހޯދައިދިނުމުގެ ވިސްނުމާ އެއްގޮތަށް މާލެ ސިޓީ ކައުންސިލާ ގުޅިގެން މޫލީ މާކެޓް ތައާރަފްކުރުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މޫލީ މާކެޓާއެކު ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ލޯކަލް މާރުކޭޓުން ތާޒާ މޭވާ އާއި ތަރުކާރީ އޯޑަރުކޮށް، ގެއަށް ހިލޭ ޑެލިވަރީ ކުރުމުގެ ފަސޭހަ ލިބޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“މޫލީ މަކެޓަކީ ޑިޖިޓަލް ރާއްޖެއެއް ބިނާކުރުމަށާއި، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވައި، ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމުގެ ތަސައްވުރާ އެއްގޮތުގެ މަތިން އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއިން ތައާރަފްކުރެވުނު ހިދުމަތެއް. ކުރިއަށް އޮތްތަނުގައި ވެސް ކަސްޓަމަރުންނަށް މިފަދަ ޙިދުމަތްތައް ފޯރުކޮށްދިނުމުގައި އުރީދޫ އިން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން،” ސީއީއޯ ޚާލިދު ވިދާޅުވި އެވެ.

އުރީދޫން ބުނިގޮތުގައި ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އޮންލައިންކޮށް ބާޒާރުކުރުމުގެ ތަޖުރިބާއެއް ހޯދާ ދިނުމުގެ އިތުރުން ލޯކަލް މާރުކޭޓުގެ ވިޔަފާރިތަކަށް އެ ވިޔަފާރިތަކުގެ މުދާ މޫލީގައި ލިސްޓު ކުރުމުގެ ފުރުސަތު ވެސް ފަހިކޮށްދެ އެވެ. އަދި މޫލީ މާކެޓާއި ގުޅެން ބޭނުންވާ ވިޔަ ފަރާތްތަކުން [email protected] މެދުވެރިކޮށް މިކަމާ ބެހޭ އިތުރު މައުލޫމާތު ހޯދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

މާލެ ސިޓީ ކައުންސިލާ ގުޅިގެން ތައާރަފް ކުރި މި ހިދުމަތުން ދައްކުވައިދެނީ މޫލީ އިން ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވާ އިތުރު ހަރުފަތަކަށް ގެންދިއުމަށް ދޭ އަހައްމިއްޔަތުކަމެއް ކަމަށް ވެސް ދިރާގުން ބުނެ އެވެ.

މޫލީ މާކެޓް މެދުވެރިކޮށް ވިޔަފާރިކުރުމަށް http://ore.do/markettodoorstep ޒިޔާރަތްކޮށް އޯޑަރު ކުރެވޭނެ އެވެ. ރާއްޖޭގެ ކޮންމެ ނެޓްވޯކެއްގެ ކަސްޓަމަރުންނަށް ވެސް މޫލީ މެދުވެރިކޮށް ވިޔަފާރިކުރުމުގެ ލުއިފަސޭހަކަން ހޯދުމަށް މޫލީ އިން ދައުވަތުދެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.