މި ދުވަސްވަރަކީ ރާއްޖެ އަށް ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވާތީ ރައްކާތެރިވުމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް) އިން އިލްތިމާސްކޮށްފި އެވެ.
މެޓުން އާންމުކުރި މައުލޫމާތުގައި ވާ ގޮތުގައި މިއަދު ހެނދުނު 11ގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފިނިހޫނުމިން ހުރި މިންވަރާ އެކު ، އެކި ސަރަހައްދުތަކުގައި ފިނި ހޫނުމިން ހުރީ 31.6 ޑިގްރީ ސެލްސިއަސް އާއި 32 ޑިގްރީ ސެލްސިއަސްއާ ދެމެދުގަ އެވެ.
މެޓް އޮފީހުގެ މައުލޫމާތުތަކަށް ބަލާއިރު މިއަދު ހެނދުނު 11:00 ޖެހިއިރު އިހްސާސް ކުރެވޭ ފިނިހޫނުމިން ހުރީ ހދ. ހަނިމާދޫގައި 40.4 ޑިގްރީ ސެލްސިއަސް، ކ. ހުޅުލެ – 39.3 ޑިގްރީ ސެލްސިއަސް، ލ. ކައްދޫ – 40.4 ޑިގްރީ ސެލްސިއަސް، ގދ. ކާޑެއްދޫ – 39.6 ޑިގްރީ ސެލްސިއަސް އަދި ސ. ގަން – 39.8 ޑިގްރީ ސެލްސިއަސް އެވެ.
މިއީ ކޮންމެ އަހަރަކު ވެސް ރާއްޖެއަށް އެންމެ ހޫނުވާ މަސް ކަމަށް ވާއިރު ކޮންމެ ދުވަހަކު ވެސް އެންމެ ހޫނު ގަދަ ވާނީ މެންދުރު ފަހު 2:00 ގައި ކަމަށް ވެސް މެޓް އޮފިހުން ބުންޏެވެ.
ހޫނުން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން
– ހޫނު ގަދަ ގަޑިތަކުގައި ކުޅިވަރު ކުޅުމާއި ބޭރުގައި އެކި ހަރަކާތްތައް ހިންގުމުގެ ބަދަލުގައި އެތެރޭގައި ނުވަތަ ހޫނު މަޑުވަގުތުތަކުގައި އެކަން ކުރުން
– އަވީގައި އުޅޭ މިންވަރު މަދުކުރުން
– ކަރުނުހިއްކި ނަމަވެސް ގިނައިން ފެން ބުއިން
– ހަކުރު އަދި ކެފެއިން ހުންނަ ބުއިންތަކާ ދުރުވުން
– ބޭރަށް ނިކުންނަ ނަމަ އަވިން ރައްކާތެރިވުމަށް ޔޫވީ ފިލްޓާ އައިނެއް އެޅުން، ސަންސްކްރީން ލޯޝަން އުނގުޅުމާއި ތޮފި އެޅުމާއި ގަޔަށް ދޫހެދުން ލުން.
ވަރުދެރަވުން، ބޮލުގައި ރިއްސަ ބޯއެނބުރުން ނުވަތަ އަކުނިވަޔަށް ދެމުން ފަދަ އަލާމާތްތައް ފެންނަ ނަމަ ސިއްހީ ފަރުވާ ހޯދުން މުހިއްމެވެ.
ތުއްތު ކުދިން، އުމުރުން ދުވަސްވީ މީހުން އަދި އަވީގައި މަސައްކަތް ކުރާ މީހުންނަށް މިފަދަ ސިއްހީ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑެވެ. އެހެންކަމުން ހޫނު ގަދަ ގަޑިތަކުގައި ތުއްތު ކުދިން ބޭރަށް ނުގެންދިޔުމަށާއި ގެންދަން ޖެހިއްޖެ ހާލަތުގައި ވެސް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މެޓް އޮފީހުން އިލްތިމާސް ކުރެ އެވެ.
މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންދާތީ، ކަރަންޓު އިގްތިސޯދު ކުރަން ސްޓެލްކޯއިން ވަނީ ގޮވާލައިފަ އެވެ.