
މިއަހަރުގެ އޯލެވެލް އަދި އެސްއެސްސީ އިމްތިހާނު 6،000 އަށް ވުރެ ގިނަ ދަރިވަރުންނާ އެކު ރާއްޖޭގައި މިއަދު ފަށައިފި އެވެ.
ރާއްޖޭގެ 245 ސެންޓަރެއްގައި މި އިމްތިހާން ބާއްވަ އެވެ. އެސްއެސްސީ އިމްތިހާނުގައި ސްކޫލުތަކުން 6،107 ދަރިވަރުން އިމްތިހާން ހަދާއިރު، އަމިއްލަ ސެންޓަރުތަކުން ވެސް އިމްތިހާނުގައި ބައިވެރިވެފައި ވެ އެވެ.

މިއަދުން ފެށިގެން އަންނަ ޖޫން 8ގެ ނިޔަލަށް ކުރިއަށް ދާ މި އިމްތިހާނުގައި މިއަދު އޮތީ އިސްލާމް ޓެސްޓެވެ.
މިއަހަރު ކޭމްބްރިޖް އައިޖީސީއެސްސީ އިމްތިހާނުގައި 6698 ދަރިވަރުން ބައިވެރިވެފައިވެ އެވެ. ކުރީ އަހަރާ ބަލާއިރު މިއަހަރު 759 ދަރިވަރުން އިތުރުވެފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީ އިން ބުނެފައިވެ އެވެ.

ފައިނަލް އިމްތިހާނުގައި ދަރިވަރުން ހޯދަމުން އަންނަ ނަތީޖާ އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ރަނގަޅުވަމުންނެވެ. ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުވެ ގައުމީ ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު ވެސް އިތުރުވެ އެވެ.