ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޑިނާ ނައިޓު އޭދަފުށީގައި ބާއްވައިފި

ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ ހާއްސަ ޑިނާ ނައިޓު ބ. އޭދަފުށީގައިބާއްވައިފި އެވެ.

އޭދަފުށީ ސަންސެޓް ބީޗުގައި ރޭ ބޭއްވި މި ޑިނާ ނައިޓުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން އިއްޒަތްތެރިން ބައިވެރިވެލެއްވި އެވެ.

ޑިނަރ ނައިޓުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އޭދަފުއްޓާއި މާޅޮހު ރައްޔިތުންނާ ގާތުން ބައްދަލުކޮށް ވާހަކަދައްކާލެވުމަކީ ލިބުނު ހިތްހަމަޖެހުމެއް ކަމަށާއި ރައްޔިތުންނާ ބައްދަލުކޮށް ވާހަކަދައްކާލެވުމުން، ފުލުހުންގެ މަސައްކަތްތައް ރައްޔިތުން ބަލައިގެންފައިވާކަން އެނގިގެންދިޔަކަމަށް ވިދާޅުވިއެވެ.

އެހެންނަމަވެސް އަދިވެސް ރައްޔިތުން ކަންބޮޑުވާންޖެހޭ ކަންކަން ހުރިކަމަށާއި އެކަންކަން ހައްލުކުރުމަށް ދެފަރާތުން ގުޅިގެން މަސައްކަތް ކުރައްވާނެކަމަށާއި ކުށް ހިނގުމުގެ ކުރިން ކުށް ހުއްޓުވައި އެދެވޭ މަސައްކަތްތަކެއް ފުލުހުން ކުރާކަމަށް ގިނަ ރައްޔިތުން ފާހަގަކުރިކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

އަދި ހަމައެހެންމެ ރައްޔިތުންނާއި ފުލުހުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވައި ނޯތު ޕޮލިސް ރީޖަންގައި ހުރި މައްސަލަތައް ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޭމް މައްސަލަތަކާއި، މަސްތުވާތަކެތީގެ މައްސަލަތަކުގެ އިތުރުން ކުޑަކުދިންނާ މެދު ހިންގޭ ކުށްތައް ފާހަގަކުރެއްވިއެވެ. އަދި އެކުށްތަކުގެ އިތުރުން އެހެނިހެން މައްސަލަތައްވެސް ހުރިކަން ފާހަގަކުރައްވައި އެކަންކަމަށް ސަމާލުކަންދީގެން މަސައްކަތް ކުރުމަށް ނޯތު ޕޮލިސް ރީޖަންގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން އެދިލެއްވިއެވެ. 

ކޮމިޝަނަރގެ ވާހަފުޅު ނިންމަވައިލެއްވީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ޝުކުރާއި ތަހުނިޔާ ދަންނަވައި އަދި ފުލުހުންގެ މަސައްކަތްތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޝުކުރުދެންނެވުމާ އެކުގައެވެ.

މި ޑިނަރ ނައިޓުގައި، ނޯތު ޕޮލިސް ރީޖަންގެ ފުލުހުންގެ މަސައްކަތަށް އެކިގޮތްގޮތުން ހާއްސަ އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކަށާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާގެ ޒިންމާ އަދާކުރުމުގައި އެކިގޮތްގޮތުން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންނަށާއި، ޑިނަރ ނައިޓުގެ އިންތިޒާމުތަކަށް އެކިގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް ހަނދާނީ ލިޔުންދީފައިވެއެވެ.

އޭގެ އިތުރުން، ފުލުހުންގެ 90 އަހަރުގެ ވީޑިޔޯ ޕްރެޒެންޓޭޝަން ދެއްކުމާއި އަހަރީ ދުވަހުގެ ހާއްސަ ވީޑިއޯ ލަވަ ރިލީޒްކުރުމުގެ އިތުރުން ބޮޑުބެރުގެ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ. އަދި ކުޑަކުދިންގެ ދުވަހަށް ހާއްސަކޮށްގެން ހަވާއަރުވާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.