
ބ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބ.މާޅޮސް، ނަފާޕެލަސް، އަލްއުސްތާޛު ޢަބްދުއްރަޝީދު ޔޫސުފް މިއަދު އައްޔަން ކޮށްފި އެވެ.
ބ. ޖުޑީޝަލް ދާއިރާގެ އިސް ގާޒީއަކަށް އެންމެ ފަހުން ހުންނެވި އަޙްމަދު ލަތީފްގެ މަގާމު ދަށްކޮށް 2017 ވަނަ އަހަރު ދަރަވަންދޫ ކޯޓަށް ބަދަލުކުރިފަހުން މިހާތަނަށް އެ މަގާމު އޮތީ ހުސްކޮށެވެ.
ބ. ޖުޑީޝަލް ދާއިރާގެ އިސް ގާޒީ ކަމަށް އަބްދުއްރަޝީދު މިއަދު އައްޔަން ކުރެއްވީ ފަސް ޖުޑީސަލް ދާއިރާއަށް ކުރިމަތިލި ބޭފުޅުންނާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފާދޭ ކޮމެޓީން އިންޓަވިއު ކުރުމަށް ފަހު ދީފައިވާ ލަފައާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭނާއަށް މަގާމުގެ ފަތްކޮޅު އެރުއްވީ އެ ކޮމިޝަންގެ ރައީސް ހިސާން ހުސައިނެވެ.
ބ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް އައްޔަން ކުރަން ނިންމާފައިވާ އަލްއުސްތާޛު ޢަބްދުއްރަޝީދު ޔޫސުފްއަކީ 1995 އިން 1998 އަށް ފަނޑިޔާރުކަމުގައި ހުންނެވުމަށްފަހު، ވަކިވެވަޑައިގަތުމަށްފަހު 2013 ޖަނަވަރީ 08 ވަނަ ދުވަހު އަލުން ފަނޑިޔާރުކަމަށް ޢައްޔަންކުރެވިފައިވާ ބޭފުޅެކެވެ. އަބްދުއްރަޝީދު މިހާތަނަށް ހުންނެވީ ބ. މާޅޮހު މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަޤާމުގައެވެ.