ކުޅުންތެރިން ވަރަށް ހިތްވަރު ކޮށްފި، ޝުކުރިއްޔާ

މިިދިޔަ އަހަރު މިނިވަން 50 ޗެންޕިއަންޝިޕްގައި ރ.ދުޥާފަރާ ދެކޮޅަށް އޭދަފުށިން ނިކުތް ފުރަތަމަ 11 | އީޓީ ފައިލް ފޮޓޯ
މިިދިޔަ އަހަރު މިނިވަން 50 ޗެންޕިއަންޝިޕްގައި ރ.ދުޥާފަރާ ދެކޮޅަށް އޭދަފުށިން ނިކުތް ފުރަތަމަ 11 | އީޓީ ފައިލް ފޮޓޯ

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް ބުރަށް އޭދަފުށި ތައްޔާރުވާން ފެށިއިރު މިފަހަރުވެސް އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ މުބާރާތުގެ މެޗުތަކަށް ކުޅުންތެރިންނަށް ރިލީޒް ހޯދަން އުނދަގޫވުމެވެ. އޭދަފުށީގައި ކުރިއަށްދިޔަ ޒޯން މުބާރާތް ކާމިޔާބުކުރުމާއެކު ފައިނަލް ބުރަށް ރަށުން ބޭރަށް ދާންޖެހުމާއެކު މިކަން އިތުރު ބޮލުގަ ރިހުމަކަށްވިއެވެ. ކަންވީވެސް ހީކުރިގޮތާ ދާދި އެއްގޮތަކަށެވެ. މުބާރާތުގެ ފައިނަލް ބުރަށް އޭދަފުށި ޓީމު މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ތިމަރަފުށްޓަށް ފުރަންޖެހުނީ މުހިއްމު ގިނަ ކުޅުންތެރިންތަކެއް ނުލައެވެ. އޭގެ ތެރޭގައި ޒޯން މުބާރާތުގައި އޭދަފުށްޓަށް އެންމެ ގިނަ ލަނޑު ޖަހައިދިން މުހައްމަދު ފާސިރު (ފާއްޓޭ) އާއި ޓީމުގެ ޑިފެންސް ލައިންގައި އާއްމުކޮށް ހިމެނޭ މުހިއްމު ބައެއް ކުޅުންތެރިން ހިމެނެއެވެ. މިސަބަބާހުރެ މި މުބާރާތުގައި ރަގަޅު ކާމިޔާބަކަށް އުއްމީދުކޮށްގެންތިބި އޭދަފުށީގެ ގިނަ ސަޕޯޓަރުންނަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް ކުރިމަތިވިއެވެ. މުބާރާތުގައި މާބޮޑުކަމެއް މިފަހަރު ކުރެވިދާނެކަމާ މެދު ބައެއް ސަޕޯޓަރުން ސުވާލުވެސް އުފެއްދިއެވެ.

މިދިޔަ އަހަރު މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ހދ.ނޮޅިވަރަމް އާދެކޮޅަށް ކުޅުނު މެޗްގައި ފާއްޓެ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ | ފޮޓޯ: ކުޅުއްދުއްފުށި އޮންލައިން
މިދިޔަ އަހަރު މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ހދ.ނޮޅިވަރަމް އާދެކޮޅަށް ކުޅުނު މެޗްގައި ފާއްޓެ ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ | ފޮޓޯ: ކުޅުއްދުއްފުށި އޮންލައިން

ތިމަރަފުށީގައި ކުރިއަށްދިޔަ ފައިނަލް ބުރުގެ ފުރަތަމަ މެޗުން ހަނިމާދޫއާ ވާދަކޮށް 4-2 ގެ ނަތީޖާއަކުން މޮޅުވުމުން ސަޕޯޓަރުންގެ އުއްމީދު އާވާންފެށިއެވެ. އަދި އެމެޗަށްފަހު ޓީމުގެ ޑިފެންސްލައިންގައި މުހިއްމު ދައުރެއް އަދާކުރާ ތިން ކުޅުންތެރިއަކު ޓީމާ ގުޅުމުން އުއްމީދުތަކަށް ދިރުން ލިބުނެވެ. އެއަށްފަހު ދެވަނަ މެޗްގައި ލަންދޫގެ މައްޗަށް ފަހަތުން އަރައި ކުރި ހޯދައިގެން ސެމީފައިނަލަށް ދަތުރުކުރުމާއެކު ސަޕޯޓަރުންގެ އުއްމީދުތައް މައްޗަށްދިޔައެވެ. އެކަމަކު ދެންދިމާވީ ޓީމުންނާއި ސަޕޯޓަރުން އެންމެ ކުރިމަތިލާން ބޭނުންނުވި ހާލަތެވެ. ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި ތިމަރަފުއްޓާ ވާދަކޮށް 1-0 އިން ބަލިވުމުން ގްރޫޕްގެ އެއް ވަނަ އޭދަފުއްޓަށް ގެއްލުނެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަން ފޭދޫއާ ސެމީ ފައިނަލްގައި ވާދަކުރުމަށް ކުޑަހުވަދޫއަށް ފުރަންޖެހުނެވެ. މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗްތަކުގައި ފޭދޫއިން ނެރުނު ނަތީޖާތަކަށް ބަލައި އެޓީމުގެ މައްޗަށް ކުރި ހޯދުމަކީ ފަސޭހަކަމަކަށް ނުވާނެކަން ގިނަ ސަޕޯޓަރުން ގަބޫލުކުރިއެވެ. މި މާޔޫސްކަމުގައިތިއްބާ ދެން ލިބުނީ ބައެއް ސަޕޯޓަރުންގެ ހިތް މަރާލި ހަބަރެކެވެ. ޓީމު ސެމީފައިނަލަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކުރި ފަސް ކުޅުންތެރިއަކު ޗުއްޓީ ހަމަވެގެން ޓީމާ ވަކިވެ އެނބުރި އަންނަންޖެހުނު ހަބަރެވެ. ޓީމުގެ ރިހެމުން އައި ފައި މައްޗަށް ހަމަ ރަގަޅަށްވެސް ފޮއި ވެއްޓި ރިހުން އިތުރުވިއެވެ.

މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ށ.ފޯކައިދޫ އާ ދެކޮޅަށް ކުޅުނު މެޗްގައި އޭދަފުށި ޓީމްގެ ކެޕްޓަން މަޖީދް ބޯޅަ ހޯދަން މަސައްކަތް ކުރަނީ  | ފޮޓޯ: ކުޅުއްދުއްފުށި އޮންލައިން
މިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ށ.ފޯކައިދޫ އާ ދެކޮޅަށް ކުޅުނު މެޗްގައި އޭދަފުށި ޓީމްގެ ކެޕްޓަން މަޖީދް ބޯޅަ ހޯދަން މަސައްކަތް ކުރަނީ | ފޮޓޯ: ކުޅުއްދުއްފުށި އޮންލައިން

މިހުރިހާ ސަބަބަކާހުރެ އިއްޔެގެ ސެމީފައިނަލް މެޗަށް ޓީމު ނިކުތްއިރު ސަޕޯޓަރުންތިބީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. މެޗަށް އޭދަފުށީ ޓމުންވެސް ނިކުތީ ބޮޑެތި ބަދަލުތަކަކާއެކުއެވެ. ގާތްގަނޑަކަށް ހުރިހާ އެޑްވާންޓޭޖެއްހެން އިއްޔެ އޮތީ ފޭދޫއަށެވެ. ސެމީ ފައިނަލްގެ ކުރިން ގްރޫޕް ސްޓޭޖްގެ ތިން މެޗްވެސް ކުޑަހުވަދޫގައި ކުޅެފައިވުމާއެކު އެޓީމަށް ދަނޑު ފަރިތައެވެ. ރަށުގެ ފެނަށް ކުޅުންތެރިން ތިބީ ދިރިފައެވެ. އިތުރު ދަތުރެއް ކުރަން ޖެހިފައި ނުވުމާއެކު އިތުރު ވަރުބަލިކަމެއް އިހުސާސްވާނެ ކަމެއް އަމުދުން ނެތެވެ. އެކަމަކު އޭދަފުށި ޓީމުގެ ހާލަތު އެއާ މުޅިން ތަފާތެވެ. މެޗަށް ނުކުތް އިރު ކުޑަހުވަދޫއަށް ޓީމު އައިތާ 24 ގަޑިއިރު ހަމަނުވެއެވެ. ކުޑަހުވަދޫއަށް އައީ މަސް ދޯންޏެއްގައި 3 ގަޑިއިރުގެ ދަތުރަކަށް ފަހު ކަމުން ބައެއް ކުޅުންތެރިންގެ އެވަރުބަލިކަމުގެ އިހުސާސް ހުއްޓެވެ.

މިިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ށ..ފޯކައިދޫ އާދެކޮޅަށް ކުޅުނު މެޗްގައި އޭދަފުށި ޓީމްގެ ސައްޓު ބޯޅަ އާއެކީ ކުރިޔަށްދާން މަސައްކަތް ކުރަނީ | ފޮޓޯ:ކުޅުދުއްފުށި އޮންލައިން
މިިދިޔަ އަހަރު އޮތް މިނިވަން 50 ޗެންޕިއަންޝިޕްގައި އޭދަފުށި ށ..ފޯކައިދޫ އާދެކޮޅަށް ކުޅުނު މެޗްގައި އޭދަފުށި ޓީމްގެ ސައްޓު ބޯޅަ އާއެކީ ކުރިޔަށްދާން މަސައްކަތް ކުރަނީ | ފޮޓޯ:ކުޅުދުއްފުށި އޮންލައިން

ދަނޑުގައި ކުރީ އެންމެ ޕްރެކްޓިސް އެކެވެ. އޭދަފުށްޓަށް ކިރިޔާވެސް ލިބުނު ހިތްވަރަކަށްވީ ސަޕޯޓަރުންގެ ހެޔޮއެދުމާއި، ކުޑަހުވަދޫގެ ރައްޔިތުންގެ ފަރާތުން ޓީމަށް ލިބެންފެށި ސަޕޯޓެވެ.
ފޭދޫއަކީ ހޮޓް ފޭވަރިޓުން ކަމަށް ވެފައި އެޓީމަށް ހުރިހާ ގޮތަކުންވެސް އެޑްވާންޓޭޖް އޮތުމާއެކު އޭދަފުށިން ނިކުތީ ޑިފެންސިވް ގޭމެއް ކުޅެ ކައުންޓަރ އެޓޭކްގައި ކާމިޔާބު ހޯދުމަށް ވިސްނައިގެންނެވެ. މިގޮތުން އޭދަފުށިން އިއްޔެގެ މެޗްގައި ރަގަޅު ހަމަލާތަކެއް އުފައްދައި ލަނޑެއް ކާމިޔާބުކުރުމާ ވަރަށް ގާތަށްވެސް ދިޔައެވެ. މި ހުރިހާ ކަމެއް ހިނގަމުންދިޔައިރު އެންމެ ޝައުގުވެރިކުރުވަނިވި ކަމަކަށްވީ އޭދަފުށީގެ ސަޕޯޓަރުން މެޗްގައި ވާނުވާ ބެލުމަށްޓަކައި ކުރަމުންދިޔަ މަސައްކަތެވެ. ސެމީ ފައިނަލްގެ ދެމެޗް ލައިވްކުރާނެކަމަށް އެފްއޭއެމުން ކުރިން ބުނި ނަމަވެސް ފަހުން ލައިވް ނުކުރާގޮތަށް ހަމަޖެއްސުމުން ސަޕޯޓަރުންނަށް މެޗްގެ އަޕްޑޭޓް ހޯދުންވީ ތަކްލީފަކަށެވެ. އޭދަފުށިޓީމުން ކުރިން ކުޅުނު ބައެއް މެޗްތައް ފޭސްބުކް މެދުވެރިކޮށް ވަގުތުން ބަލާލަން ފުރުސަތު ލިބުނުނަމަވެސް މެޗްގެ ވަރަށް ފަހަކާ ޖެހެންދެން އެކަންވެސްވީ އިއްޔެ ވަރަށް އުނދަގޫކަމަކަށެވެ. މެޗްގެ ނަތީޖާ ބެލުމަށް ޓީމުގެ އޮފިޝަލުންނާއި ބެންޗްގައި ތިބި ކުޅުންތެރިންނަށް އޮބި ނޯންނަވަރަށް ފޯން ކޯލާއި މެސެޖް އައިކަމަށްވެއެވެ. އެއީ މައްސަލައެއް ނޫނެވެ.

މިދިޔަ އަހަރު މިިނިވަން 50 ޗެންޕިއަންޝިޕްގައި ދުވާފަރާ ދެކޮޅަށް އޭދަފުށިން ކުޅެން ނިކުތް ޓީމް | އީޓީ ފައިލް ފޮޓޯ
މިދިޔަ އަހަރު މިިނިވަން 50 ޗެންޕިއަންޝިޕްގައި ދުވާފަރާ ދެކޮޅަށް އޭދަފުށިން ކުޅެން ނިކުތް ޓީމް | އީޓީ ފައިލް ފޮޓޯ

އިއްޔެގެ މެޗްގެ ނަތީޖާ 0-0 އިން އެއްވަރުވެ ޕެނަލްޓީއާ ހަމައަށް ދިއުމުން ސަޕޯޓަރުންނަށް އުއްމީދެއް ލިބުނެވެ. މިއަހަރު މާލޭގައި އޮންނަ ޕްރެޒިޑެންޓްސް ކަޕަށްވެސް ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ޓީމަކާ ދެކޮޅަށް މުހިއްމު ކުޅުންތެރިންތަކެއް ނުލާ އެންމެ ފަހު މިނެޓާއި ހަމައަށް ޓީމުން ކުރި ހިތްވަރުގެ ސަބަބުންނެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި އޭދަފުށީގެ ކީޕަރު ޢަބްދުﷲ ޒިޔަޒަން ދެއްކި އާދަޔާ ޚިލާފް ހުށިޔާރުކަމާއެކު މެޗް ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށަވަރުކުރުމުން މުޅި އޭދަފުށި ހޭލައްވާލިއެވެ. އެހިސާބުން ޓީމަށް މަރުހަބާއާއި ތައުރީފްގެ ބަސްތަކުން މުޅި ސޯޝަލް މީޑިޔާ އޭދަފުށީގެ ސަޕޯޓަރުން ފްލަޑް ކޮށްލިއެވެ. މުބާރާތުގައި ޓީމު ކުޅުނު މެޗްތަކަށް މާބޮޑު ސަމާލުކަމެއް ނުދެވުނު ފަރާތްތަކުންވެސް ޓީމުދެކެ ލޯބިވާން ފެށިއެވެ. ފައިނަލް މެޗްގެ ފޯރިގަދަކުރުމަށްޓަކައި ގިނަ އަދަދެއްގެ ސަޕޯޓަރުން ހިމެނޭ ވައިބަރ ގުރޫޕްތައް އިސާހިތަކު އުފަންވިއެވެ. އަދި މެޗް ބެލުމަށް ރަށުން މީހުން ގެނައުމަށްޓަކައި ދަތުރުތައް ހަމަޖެއްސެމުގެ ވާހަކަ ގަދަވެގެންދިޔައެވެ. މިއީ ޔަގީނުންވެސް އޭދަފުށީގެ ގިނަ ރައްޔިތުންނަށް ބޮޑު އުފަލެކެވެ.

މިއަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ފައިނަލް ގައި އޭދަފުއްޓާއި ޅ.ނައިފަރު ބައްދަލުކުރި މެޗް ގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ފައިނަލް ގައި އޭދަފުއްޓާއި ޅ.ނައިފަރު ބައްދަލުކުރި މެޗް ގެ ތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

އެތައް އަހަރަކަށްފަހު އޭދަފުށީގެ ސީނިއަރ ޓީމެއް ގަލޮޅު ދަނޑުން ފެނުމުގެ ފުރުސަތު ހޯދައިދިން ކުޅުންތެރިންނާ މެނޭޖްމަންޓަށް ސެލިއުޓް ކުރަން ޖެހެއެވެ. އެއީ އާދައިގެ ކާމިޔާބެއް ނޫނެވެ. އަދި މިހިސާބަށް އައުމަށްޓަކައި ޓީމުގެ ހުރިހާ ކުޅުންތެރިނާއި އޮފިޝަލުން ކުރި މަސައްކަތަކީވެސް އާދައިގެ ކަމެއް ނޫނެވެ. ބައެއް ކުޅުންތެރިން އެކުޅުންތެރިން އަދާކުރާ ރަސްމީ ވަޒީފާ އިން ލިބޭ ޗުއްޓީ ގުރުބާންކުރީ މި މުބާރާތުގައި އޭދަފުށީ ޓީމަށް ކުޅުމަށެވެ. ފުޓްބޯޅައިގައި އޭދަފުއްޓަށް ފަހުރާއި ޝަރަފް ހޯދައިދިނުމަށް ނޫން އެހެން ދެން ކޮންކަމަކަށްހެއްޔެވެ؟ މީގެ ތެރޭގައި ރަށުން ބޭރު ބައެއް ކުޅުންތެރިންވެސް ހިމެނެއެވެ. އެކުޅުންތެރިންނަށްވެސް ޝުކުރު ހައްގެވެ.

މިއަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3  ގެ ފައިނަލް ރައުންޑުގައި އޭދަފުއްޓާއި އިންނަމާދޫ ބައްލުކުރި މެޗް ގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް
މިއަހަރު އޮތް މިނިވަން ޗެންޕިއަންޝިޕްގެ ޒޯން 3 ގެ ފައިނަލް ރައުންޑުގައި އޭދަފުއްޓާއި އިންނަމާދޫ ބައްލުކުރި މެޗް ގެތެރެއިން | އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ފުޓްބޯޅައަކީ އޭދަފުށީގެ ރައްޔިތުން އެއްބައިވަންތަ ކުރުވާ އެއްޗެއްކަން މާޒީ ހެކި ދެއެވެ. ރޭ މާލޭގައި ދިރިއުޅޭ އޭދަފުށީގެ ވަރަށް ގިނަ ރައްޔިތުން ފައިނަލް މެޗް ބެލުމަށް އަންނަ ހޮނިހިރު ދުވަހުގެ ގަލޮޅު ދަނޑަށް ވަންނާނެ ކަމާމެދު ސުވާލެއް ނެތެވެ. އެއީ އުފާވެރި މަންޒަރަކަށް ޔަގީނުންވެސް ވާނެއެވެ. އެއީ އެތައް ދުވަހަކު ބައްދަލުނުވެ ތިބި ރަހުމަތްތެރިންނާއި ތިމާގެ މީހުން އެއްތަނަކުން ބައްދަލުވާނެ ރެއެކެވެ. އެއީ ރަށުގެ ރައްޔިތުންނަކީ އެއްބައިވަންތަ ރައްޔިތެއްކަން މުޅި ރާއްޖެއަށް ހާމަކޮށްދިނުމަށް ލިބޭ ރަނުގެ ފުރުސަތެކެވެ. އޭދަފުށީ ފުޓުބޯޅަ ޓީމަށް އޭދަފުށީ ރައްޔިތުން ޝުކުރުވެރިވާން ޖެހެނީ މިހުރިހާ ސަބަބުތަކަށްޓަކައެވެ. ޓީމު ތިޔަ ހޯދި ކާމިޔާބަށް އީޓީގެ ފަރާތުން އަދިވެސް އެއްފަހަރު މަރުހަބާ ކިޔަމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.