ކައުންސިލް އިދާރާތައް އަޅާ ރަށްތަކުގެ ތެރޭގައި އޭދަފުށި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރެއްވި ގޮތަށް ސަރުކާރުގެ ހަރަދުގައި ކައުންސިލް އިދާރާތައް ސަރުކާރުން ހިންގަން ނިންމާފަައިވާ މަޝްރޫއުގެ ދަށުން ކައުންސިލު އިމާރާތް އަޅައިދޭނެ 50 ރަށް ސަރުކާރުން އިއުލާނުކޮށްފި އެވެ. 

ރައީސް ޑރ މުއިއްޒު މިއަހަރުގެ ފެބްރުއަރީމަހު ރާއްޖޭގެ އުތުރަށް ކުރެއްވި ދަތުރުފުޅުގައި ހދ. މަކުނުދޫގައި ބޭއްވި ޖަލްސާގައި ވިދާޅުވީ، ގިނަ ރަށްރަށުގައި އަދިވެސް ކައުންސިލް އިދާރާ ހިންގަމުން އަންނަނީ ވަރަށް ބާ އިމާރާތްތަކުގައިކަން ރަށްރަށުގެ ކައުންސިލްތަކާ ވެސް ބައްދަލުކުރެއްވުމަށް ކުރެއްވި އެ ދަތުރުފުޅުގައި ފާހަގަވި ކަމަށެވެ.

އެހެންވެ، ރައީސް ވިދާޅުވީ ކައުންސިލްތަކުގެ އިދާރާތައް ހިންގުމަށް އޮފީސް އިމާރާތް އެޅުމުގެ ބޮޑު މަޝްރޫއެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ބ. އަތޮޅުގެ ވެރިރަށް އޭދަފުށީގެ އިތުރުން މިއަތޮޅުގައި ކައުންސިލު އިދާރާތައް އަޅައިދެނީ ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ތުޅާދޫ އަދި  ފެހެންދޫގަ އެވެ.

ސަރުކާރުގެ ޚަރަދުގައި 50 ކައުންސިލު އިދާރާތައް އަޅައިދޭ ރަށްރަށް އިއުލާން ކުރުމަށް ލޯކަލް ގަވަމަންޓް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އާދަމް ޝަރީފު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ކައުންސިލް އިދާރާތައް އިމާރާތްކުރާ ރަށްތައް ކަނޑައެޅީ ގިނަ ކަންތައްތަކަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އަހަރު އަޅަން ނިންމާފައިވާ 50 އިމާރާތް އަޅާނެ ރަށްތައް ކަނޑައެޅުމުގައި އިމާރާތުގެ ހާލު އެންމެ ދެރަ ރަށްރަށް ދެނެގަނެ އެ ރަށްރަށަށް އިސްކަން ދީފައިވާނެ ކަމަށެވެ. އެގޮތުން ބެލި ކަންކަމުގެ ތެރޭގައި އެ އިމާރާތެއް މަރާމާތު ކުރަންޖެހޭ މިންވަރާއި، ޖާގައާއި ސްޓޯ ރޫމާއި، ނަމާދު ކޮޓަރިއާއި އެހެނިހެން ޖާގަތައް ހުރި މިންވަރު ހިމެނެ އެވެ. 

މިނިސްޓަރު ވިދާޅުވި ގޮތުގައި މި 50 ރަށުގައި ކައުންސިލު އާ އިމާރާތް އެޅުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭ ފެށޭނެ އެވެ. އަދި މި މަޝްރޫއުގެ ދަށުން އަޅާ އިމާރާތްތަކަކީ ޖާގައިގެ ގޮތުން ތަނަވަސް، ކައުންސިލުތަކުން ފޯރުކޮށްދޭ ހިދުމަތްތައް ލުއިފަސޭހަ ކަމާއެކު ފޯރުކޮށްދެވޭނެ ގޮތަށް ފަރުމާކޮށްފައި ހުންނަ އިމާރާތްތަކަކަށް ވާނެ ކަމުގައި އޭނާ ވިދާޅުވި އެވެ. 

މިނިސްޓަރު ވިދާޅުވީ މި މަސައްކަތަކީ ސަރުކާރުގެ ބަޖެޓުގައި ހިމެނިފައިނުވާ މަޝްރޫއެއް ކަމަށާއި ޗައިނާ ސަރުކާރުގެ އެހީގައި ކުރިއަށްދާ މަޝްރޫއެއްކަމުން ވަރަށް ކުޑަ ޚަރަދަކުން މަސައްކަތްތައް ނިމިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން އޭދަފުށީގައި ރަށު ކައުންސިލު އިދާރާ އެޅުމަށް ނިންމަވާފައިވާއިރު، ބޮޑު ޚަރަދެއް ކޮށްގެން މިހާރުވެސް އަންނަނީ ރަށު ކައުންސިލް އިދާރާއަށް ބައެއް އިތުރުކޮށް އިމާރާތް މަރާމާތުކުރުމުގެ މަސައްކަތްތަކެއް ވެސް ކުރަމުންނެވެ. މި މަސައްކަތް މިރަށު ކައުންސިލުން ފަށާފައިވަނީ ސަރުކާރުން މިއަހަރުގެ ތެރޭގައި 50 ރަށު ކައުންސިލް އިދާރާ އަޅައިދޭނެ ރަށްރަށް އިއުލާން ކުރާނެ މުއްދަތު ވެސް ކަނޑައަޅާފައި ވަނިކޮށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.