
ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު އާ ފަޅު ފުންކުރުމުގެ ބޮޑުބައި ނިމިއްޖެ އެވެ.
މި މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއުގެ ދަށުން 36،527 ކިއުބިކް މީޓަރުގެ ސަަރަހައްދެއްގެ ބަނދަރު ފުންކުރާނެ ކަމަށާއި އޭގެ 54 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގާ އެތުރުމުގެ މަސައްކަތުގެ 40 ޕަސެންޓް ވެސް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން އާ ފަޅު ފުންކުރުމުގެ އިތުރުން، ކުރިން އޮތް ފަޅުން 7512 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު އަލުން ފުންކުރުމާއި، 882 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ.
އަދި 370 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 376 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 310 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމުގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕަކާއި 100 މީޓަރު ދިގު 1.5 މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެ އެވެ.
އޭގެ އިތުރުންވެސް 1،475 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ އެ މަޝްރޫއަކީ 49.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.