ދިރާސީ އަހަރުގެ އެއްވެސް ޓާމެއްގެ ޗުއްޓީގައި އާއި ހުކުރު ދުވަހު ޓީޗަރުން ވަޒީފާ އަށް ނުނެރުމަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް އަންގައިފި އެވެ.
އެ މިނިސްޓްރީން ސްކޫލްތަކަށް މިއަދު ފޮނުވި ސާކިއުލާއެއްގައި ބުނީ، އަންނަ ހަފްތާގެ އާދީއްތަ ދުވަހުން ފެށިގެން ހުކުރުދުވަސް ދުވަހާއި މި ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ބަންދާއި ދެވަނަ ޓާމް ބަންދު އަދި މިޑްޓާމް ބަންދުގައި ޓީޗަރުން ސްކޫލުތަކަށް ނެރުމަކީ މަނާ ކަމެއް ކަމަށެވެ.
ނަމަވެސް ނާދިރު ހާއްސަ ހާލަތެއްގައި ހަރަކާތެއް ބާއްވަން ޖެހިއްޖެނަމަ، ޓީޗަރުން އެ ހަރަކާތަށް ނެރެންވާނީ އެޑިޔުކޭޝަން މިނިސްޓްރީގެ ހުއްދަ ލިޔުމުން ހޯދުމަށްފަހު ކަމަށްވެސް ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައިވެ އެވެ.
މިނިސްޓްރީން ބުނީ މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަން ދިނުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތުކަމަށެވެ. އެގޮތުން މި ސިޔާސަތު ތަންފީޒުކުރުމަށްޓަކައި ހުކުރު ދުވަސްދުވަހު މުދައްރިސުން މަސައްކަތަށް ނުނެރުމަށް، މީގެ ކުރިންވެސް ތަކުރާރުކޮށް ސްކޫލުތަކުގެ ވެރިންނަށް އިރުޝާދު ދީފައިވާނެ ކަމަށެވެ.
ޓީޗަރުންނާއި ޕްރިންސިޕަލުންގެ “ވޯކްލޯޑް” ކުޑަކުރުމަށް މަސައްކަތް ތަކެއް ކުރައްވާނެ ކަމަށް މީގެ ކުރިން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވެސް ވަނީ ވިދާޅުވެފަ އެވެ.