ރާއްޖޭގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް މީގެފަހުން ހިންގާނީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ކަމަށް މިނިސްޓަރ އޮފް ހައުސިން، ލޭންޑް، އެންޑް އަރބަން ޑިވެލޮޕްމަންޓް ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ދަށުން ހިނގާ ސަބްސިޑަރީއަކަށް އެފްޑީސީ ބަދަލުކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.
“މުޅި ރާއްޖޭގައި ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދިއުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރާނީ އެފްޑީސީން. ހަމައެކަނި ހުޅުމާލޭގައެއް ނޫން އެފްޑީސީން ހައުސިންގ މަސައްކަތް ކުރިއަށްގެންދާނީ،” ހައިދަރު ވިދާޅުވިއެވެ.
މި ބަދަލާއެކު އެޗްޑީސީ މީގެފަހުން މަސައްކަތްކުރާނީ މާސްޓަރ ޑިވެލޮޕަރގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިހާރުވެސް ހުޅުމާލެ، ގުޅީފަޅު އަދި ފުށިދިއްގަރުފަޅުގެ މާސްޓަރ ޑިވެލޮޕަރއަކީ އެޗްޑީސީކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދާ އަރބަން ސެންޓަރުތަކުގެ މާސްޓަރ ޑިވެލޮޕަރގެ ގޮތުގައިވެސް އެޗްޑީސީ ހަރަކާތްތެރިވާނެ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އެޗްޑީސީ ޕަބްލިކް ލިމިޓެޑް ކުންފުންޏަކަށް ބަދަލުކޮށް، އާންމުންނަށް އެ ކުންފުނީގެ ހިއްސާ ވިއްކުމެވެ.
މި ބަދަލުތަކާއެކު ރާއްޖޭގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް އިތުރަށް ހަރުދަނާވެ، ގިނަ ރައްޔިތުންނަށް ފައިދާކުރަނިވި ގޮތަކަށް ކުރިއަށްދާނެ ކަމަށް ސަރުކާރުން އުންމީދުކުރައްވާ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.