އިރުމަތި އެފްސީ އިން ވަރުގަދަ ވެލާ ސްޕޯޓްސް ބަލިކޮށްފި

ހަވީރު ވެލާ ސްޕޯޓްސްއާ އިރުމަތި އެފްސީ ވާދަކުރި މެޗުގެ ތެރެއިން– ފޮޓޯ/އޭދަފުށި ކައުންސިލް

އޭދަފުށި ކަޕް 2024 އަށް ވަރުގަދަކޮށް ތައްޔާރުވި ވެލާ ސްޕޯޓްސްއާ ވާދަކުރި މެޗު އިރުމަތި އެފްސީ އިން ކާމިޔާބުކޮށްފި އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ބެލެވޭ ވެލާ ސްޕޯޓްސް އަތުން މިއަދު ހަވީރު އިރުމަތި އެފްސީ މޮޅުވީ 0-1 އިންނެވެ.

މިއަދުގެ މެޗާ އެކު ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފަ އެވެ. އެއް ވަނައިގައި ހަތަރު ޕޮއިންޓާ އެކު އޮތީ ކައްކަނީ އެފްސީ އެވެ. ދެ ވަނައިގައި އޮތް އިރުމަތި އެފްސީ އަށް ވެސް ހަތަރު ޕޮއިންޓް ވަނީ ލިބިފަ އެވެ. ކައްކަނީ އެފްސީ އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.

ދެ މެޗުން ވެލާ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތީ ދެ މެޗުން ދެ ޕޮއިންޓް ހޯދާފައިވާ ހުސް ސޮންގުންނެވެ. ފުލުގައި އޮތީ ދެ މެޗުން ވެސް ބަލިވި ވީ ވެލާ އެވެ.

މިފަހަރު ވެލާ ޓީމުގެ ސްކޮޑުގައި އޭދަފުށީގެ މަޝްހޫރު ގިނަ ކުޅުންތެރިންނާއި ރަށުން ބޭރުން ވެސް މޮޅެތި ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ.

އޭދަފުށިން ވެލާގައި ހިމެނި ފާހަގަކޮށްލެވޭ ކުޅުންތެރިންގެ ތެރޭގައި މުހައްމަދު ފާސިރު (ފާއްޓެ) އާއި އިޝާން އިބްރާހީމް (ސައްޓު) އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު މުހައްމަދު ރަޝީދު (ހޮކޭ) ހިމެނެ އެވެ.

އޭދަފުށީގައި ފާހަގަކޮށްލެވޭ ހުސައިން ޝަރީފް (މުޑާ) އާއި އަލީ ނަސީމް އަދި އުނައިޝް ޒުބައިރު ވެސް ހިމެނެނީ ވެލާ ޓީމުގަ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުމަށް މިވަގުތު މާލޭގައި ހުރުމުން ވެލާ ސްޕޯޓްސްގެ ސައްޓު މިއަދު ކުޅެފައެއްނުވެ އެވެ.

މެޗުގައި އިރުމަތި އެފްސީގެ ހަމައެކަނި ގޯލު ޖެހީ އަބްދުﷲ ފާސިރު އެވެ. ފާސިރު އެ ގޯލު ޖެހީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ. އޭރިޔާ ތެރެއިން ލިބުނު ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ފާސިރު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ކީޕަރު ގައިގައި ޖެހިފަ އެވެ.

މެޗުގެ ބާކީ ބައިގައި ވެލާ އިން ވަނީ މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފަ އެވެ. އެކަމަކު އެޓީމުގެ ހަމަލާތައް ހުއްޓުވުމުގައި އިރުމަތި އެފްސީގެ މުޅި ޓީމު ވަރަށް މޮޅު ކުޅުމެއް ދެއްކި އެވެ. ހާއްސަކޮށް އިރުމަތި ޓީމުގެ ގޯލްކީޕަރު އަބްދުއްސަދާދު އާދަމް އާއި ޑިފެންޑަރު މުހައްމަދު އަޖުފާން މޮޅު ކުޅުމެއް ދެއްކި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އަޖުފާން އެވެ،

މިއަހަރުގެ މުބާރާތުގެ ޑިޖިޓަލް ޕާޓްނަރަކީ އުރީދޫ އެވެ. ޓްރާންސްޕޯޓް ޕާޓްނަރަކަށް ފެހި ސްޕީޑް ހަމަޖައްސާފައި ވާއިރު ކިޓް ޕާޓްނަރަކީ ކެޕްޓަން މޯލްޑިވްސް އެވެ.

ޕްރިންޓިން ޕާޓްނަރަކީ އިންކެޑް މޯލްޑިވްސް އެވެ. ބެވަރޭޖް ޕާޓްނަރަކީ ލައިފް ވޯޓާ އެވެ. އިތުރު ސްޕޮންސަރުންގެ ތެރޭގައި މައިލޯ މޯލްޑިވްސް އާއި އަޒްޑިއޮން، އެލް މޯބައިލް އަދި އެމް 7 ހިމެނެ އެވެ.

މުބާރާތުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ އޭދަފުށި ޓައިމްސް އެވެ.

މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުސް ސޮންގުންނާއި ވީ ވެލާ އެވެ. މެޗު ފަށާނީ ރޭގަނޑު 9 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.