ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބ. އަތޮޅު ހޮސްޕިޓަލުން ކަސްރަތު ސެޝަނެއް ބާއްވައިފަ އެވެ.
އެ ހޮސްޕިޓަލުގެ ކޮމިއުނިޓީ ހެލްތު ސްޕަވައިޒަރު ސިދުގީ އަބްދުﷲ ވިދާޅުވި ގޮތުގައި މިއަދު ހެނދުނު އެ ހޮސްޕިޓަލުގެ މުވައްޒަފުން މަސައްކަތް ފެށީ ދުޅަހެޔޮ ހިތަކަށް މުވައްޒަފުން ހޭލުންތެރިކުރުވުމުގެ އިވެންޓަކުންނެވެ.
އެގޮތުން ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބޭނުންވާ މައުލޫމާތު ދިނުމާއެކު، ހަކަތަ އިތުރުކުރުވަނިވި ކަސްރަތު ސެޝަނެއް ވަނީ ބާއްވައިފަ އެވެ.
ސިދުގީ ވިދާޅުވި ގޮތުގައި މި ހަރަކާތުގެ މަޤްޞަދަކީ ދުޅަހެޔޮ ހިތެއް ދެމެހެއްޓުމަށް އަހުލުވެރިކުރުވުމާއި، ޞިއްޙަތަށް ފައިދާހުރި ދިރިއުޅުމެއް އުޅުމުގެ މުހިންމުކަން ހާމަކޮށްދިނުމެވެ. ސިދުގީ ވިދާޅުވީ މި ދުވަހާ ގުޅުވައިގެން އަންނަ ހަފްތާ ތެރޭ ސްކޫލު ކުދިންނާ ބެލެނިވެރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނަކާއި ބައިސްކަލް ދުއްވުމުގެ ރޭހެއް ވެސް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.
ދުނިޔޭގެ ހިތުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހެވެ.
ބައިނަލްއަގުވާމީ ފެންވަރުގައި ހިތުގެ ދުވަސް ރާއްޖޭގައި ވެސް ފާހަގަކުރަނީ ހިތުގެ ބަލިތަކަށް އާންމުން ހޭލުންތެރިކުރުވުމަށެވެ.
ރާއްޖޭގައި ހިތުގެ ބަލިތައް ވަރަށް ގިނަ އެވެ. ހިތުގެ މައްސަލަތަކާ އެކު އުފަންވާ ކުޑަކުދިންގެ އަދަދު ވެސް ނިސްބަތުން މަދެއް ނޫނެވެ. ޅައުމުރުގައި ހާޓް އެޓޭކާއި ހިތުގެ އެހެން މައްސަލަތައް ޖެހުން އާންމުވެފައިވާ މިންވަރަށް ބަލާއިރު އެއީ ދިވެހިންނަށް އޮތް ސިއްހީ ބޮޑު ނުރައްކަލެއްގެ ގޮތުގައި ގުނާލެވެ އެވެ.