އޭދަފުށި ކަޕް ފުޓްބޯޅަ މުބާރާތުގައި މާދަމާ ހަވީރު ކުޅޭ ފައިނަލަށް މެޗަށް ވިއްކަން ކަނޑައެޅި ޓިކެޓް ވިކި ހުސްވެއްޖެ އެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމުގައި ރޮސްޓްރަމް އާއިއެކު ސިޑިބަރި ތަރައްގީކުރީ ސިޑިބަރީގައި 1000 އެއްހާ މީހުންގެ ޖާގަ އޮތް ނަމަވެސް، ވީއައިޕީއަށާއި ދައުވަތުދޭ ފަރާތަތްތަކަށް ޓިކެޓް ބްލޮކް ކުރުމުގެ ސަބަބުން އަދަދު މަދުވީ އެވެ.
އޭދަފުށީ ފުޓްބޯޅަ ސްޓޭޑިއަމްގައި ސިޑިބަރި ތަރައްގީކުރީ 100 މީހުންގެ ޖާގައިގެ ރޮސްޓްރަމްއަކާއި ގާތްގަނޑަކަށް 900 އަށް ވުރެ ގިނަ މީހުންނަށް ވަދެވޭ ވަރުގެ ސިޑިބަރި އަކާ އެކުއެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖާއި ސެމީ ފައިނަލް މެޗުތަކަށް ޓިކެޓް ވިއްކީ 20 ރުފިޔާއަށެވެ. ފައިނަލް މެޗުގެ ޓިކެޓްގެ ވިއްކީ 30 ރުފިޔާ އަށެވެ.
އޭދަފުށީ ކައުންސިލުގެ މެންބަރު ޒައިދު އަލީ ވިދާޅުވީ މާދަމާ ހަވީރު ކުޅޭ ފައިނަލް މެޗަށް ވިއްކަން ހަމަޖެހިފައިވާ 908 ޓިކެޓް ވިއްކަން ފެށިތާ ދޮޅު ގަޑިއިރު ތެރޭ ވިކި ހުސްވެފައިވާ ކަމަށެވެ.
“މިއަދު ހެނދުނު 10:00 ގައި ޓިކެޓް ވިއްކަން ފެށީ، 11:30 ގައި ހުރިހާ ޓިކެޓެއް ވިކި ހުސްވެއްޖެ،”
އޭދަފުށީ ކައުންސިލުން ޓިކެޓް ވިއްކައިގެން މެޗުތައް ކުޅެވޭގޮތަށް ހަމަޖެއްސީ މުބާރާތް އިންތިޒާމުކުރާ ފަރާތްތަކުން މާލީގޮތުން ކުރަންޖެހޭ ހަރަދުތަކަށް ލުޔެއް ދިނުމާއި، ކުޅިބެލުންތެރިން އަހުލުވެރިކޮށް މުޖުތަމައުގެ ބައިވެރިވުން އިތުރު ކުރުމަށެވެ.
ޓިކެޓް ވިއްކައިގެން ލިބޭ ފައިސާގެ ތެރެއިން ކޮންމެ ޓީމަކަށް ވިއްކާ ޓިކެޓްގެ 50 އިންސައްތަ ލިބޭނީ އެ ޓީމަކަށެވެ. ބާކީ ފައިސާ ލިބޭނީ ކައުންސިލަށެވެ. އެކަމަކު އެހެން ފަރާތަކުން އިންތިޒާމުކުރާ މުބާރާތްތަކުގެ ބާކީ ފައިސާގެ ތެރެއިން ކައުންސިލަށް ލިބޭނީ 25 އިންސައްތަ އެވެ. އަނެއް 25 އިންސައްތަ ލިބޭނީ އެ މުބާރާތް އިންތިޒާމުކުރާ ފަރާތަށެވެ.
ރާއްޖޭގައި އޮތް އެންމެ ފެންވަރު ރަނގަޅު ޓާފް ދަނޑުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުފެށި މި މުބާރާތުގައި ރަށުގެ ފަސް ޓީމަކުން ބައިވެރިވި އެވެ.
މި މުބާރާތުގެ ފައިނަލުގައި އިރުމަތީ އެފްސީ އާއި ދެކޮޅަށް ނުކުންނާނީ ވެލާ ސިޓީ އެވެ. ފައިނަލް މެޗު ފަށާނީ މާދަމާ ހަވީރު 15:45 ގަ އެވެ.