
ދުނިޔެއިން ނެތިގެންދާނެކަމުގެ ބިރު ހީވެފައިވާ ވެލާ އާއި ކަހަނބާ ބެހޭ ގޮތުން ހޭލުންތެރި ކުރުމަށް ބާއްވާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް ބޭއްވުވުމުގެ ތައްޔާރީތައް ފަށައިފި އެވެ.
މި ފެސްޓިވަލްއަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ވެސް ނައިފަރުގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ނައިފަރު ޖުވެނައިލްއިން އެރަށުގައި ކުރިއަށްގެންދާ ހަރަކާތެކެވެ.
އެގޮތުން “ސިކްސް ސެންސަސް ކަނުހުރާ ޅަވިޔަނި ޓާޓަލް ފެސްޓިވަލް 2024” ގެ ނަމުގައި މިއަހަރުގެ ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ 18 – 19 ގައެވެ.
ނައިފަރު ޖުވެނައިލް އިން ބުނިގޮތުގައި މިއީ ތިމާވެއްޓާ ގުޅޭ ވަރަށް ގިނަ މައްސަލަތަކަކާ ބެހޭ ގޮތުން މީހުން ހޭލުންތެރި ކުރުވުމަށްޓަކައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށެވެ.
“މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ، ނެތިދިއުމުގެ ބިރު ހީވެފައިވާ ދިރޭތަކެތީގެ ތެރެއިން ޚާއްސަކޮށް ވެލާ، ކަހަނބުގެ ކަންކަމާއި، ކުނި ބުނީގެ މައްސަލަތަކާއި، ކަނޑުގެ އެކި ދިރުންތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރި ކުރުވުމާއި، ތިމާވެށީގެ އެކި އެކި މައްސަލަތަކާ ގުޅޭގޮތުން ޚިޔާލު ބަދަލުކުރެވި، މަޝްވަރާކުރެވޭނޭ އެކަށީގެންވާ ޕްލެޓްފޯމެއް ގާއިމް ކުރުން،” އެ ޖަމިއްޔާއިން ބުންޏެވެ.
މިއަހަރުގެ ފެސްޓިވަލްގައި 15 އެން.ޖީ.އޯއަކާއި 10 ސްކޫލް އަދި ސަރުކާރުގެ ބައެއް މިނިސްޓްރީތަކާއި، މުއައްސަސާތަކުން ވެސް ބައިވެރިވާނެ ކަމަށް ޖުވެނައިލުން ބުންޏެވެ.
މިއަހަރުގެ ފެސްޓިވަލްގައި ޓައިޓްލް ސްޕޮންސާއަކީ ސިކްސް ސެންސަސް ކަނުހުރާއެވެ. މެއިން ސްޕޮންސާއަކީ ޓްރާންސް މޯލްޑިވިއަން އެއަރވޭސް (ޓީ.އެމް.އޭ)، ކޯރާ ކޯރާ މޯލްޑިވްސް އާއި ޝެވަލް ބްލޭންކް ރަންދެލިއެވެ. ކޯސްޕޮންސަރުންގެ ތެރޭގައި އެތްމޮސްފިއަރ ކަނިފުށި، ރީތިފަރު ރިސޯރޓް އާއި ސީކްރެޓް ޕެރަޑައިސް މޯލްޑިވްސް ހިމެނެއެވެ. އަދި ކޯ ސްޕޮންސާ ޕްލަސްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް، ވެލާ ޕްރައިވެޓް އައިލެންޑް، ލެ މެރީޑިއަން، ދި ރޮބިންސަން ކްލަބް، ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް، ނައިފަރު ކައުންސިލް އަދި ޑިޖިޓަލް ޕާރޓްނަރގެ ގޮތުގައި އޫރިދޫ މޯލްޑިވްސް ބައިވެރިވެއެވެ. މި ފެސްޓިވަލްގެ ޕްރިންޓިންގ ޕާޓްނަރއަކީ ގްރެފައިޓް އެވެ.