
ބ. އޭދަފުށީ ހުޅަނގު ފަރާތުގައި އަލަށް ތައްގީކުރަމުން އަންނަ ބަނދަރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިންމާލައިފި އެވެ.
އެމްޓީސީސީން މިއަދު ބުނީ މި ރަށުގެ ބަނދަރު ފުންކުރުމުގެ 87 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ނެރު ފުންކުރުމުގެ މަސައްކަތުގެ 93 ޕަސެންޓް ވެސް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ ދަށުން އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ދެވަނަ ޝިޕްމަންޓް ސައިޓަށް ގެނެސްފައިވާއިރު، މިހާރު ކުރަނީ ގާ އެތުރުމުގެ މަސައްކަތް ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 304,28 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 3354 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުން ހިމެނެ އެވެ. އަދި 170 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 383 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި މޫރިންގ ބޯއީސް ހަރުކުރުން ހިމެނެ އެވެ.
މީގެ އިތުރުން 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 18 މީޓަރު ދިގު 2 މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 1814 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، 402 މީޓަރުގެ ސަރަޙައްދެއްގައި ކާރބްސް ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފައިވާ އެ މަޝްރޫއުގެ އަގަކީ 67.67 މިލިއަން ރުފިޔާ އެވެ.

