
އޭޝިއާ ސަރަހައްދުގެ ކައުންސިލަރުންގެ 8 ވަނަ އަހަރީ ބައްދަލުވުން، މިއަހަރު ބ. އޭދަފުށީގައި ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.
ބ. އަތޮޅު ކައުންސިލުން ބުނިގޮތުގައި މި ފޯރަމް އޭދަފުށީގައި ކުރިއަށްދާނީ އަންނަ ނޮވެމްބަރު 7 އިން 9 އަށެވެ.
“އޭޝިއާ އަދި ޕެސިފިކް ސަރަހައްދުގައި ދެމެހެއްޓެނިވި ފަތުރުވެރިކަމެއް ކުރިއެރުވުމަށްޓަކައި އިޤްތިސާދީ، އިޖުތިމާއީ-ސަޤާފީ އަދި ތިމާވެށީގެ އިސްކަންދޭ ޕްރޮގްރާމްތަކަށް އެއްބާރުލުން އިތުރުކުރުން” މި ތީމުގެ ނަމުގައި ބާއްވާ މި ފޯރަމްގައި ފިލިޕީންސް، ޖަޕާން، ތައިވާން، ދެކުނު ކޮރެއާ އަދި ދިވެހިރާއްޖޭގެ ކައުންސިލަރުން ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
މީގެ އިތުރުން މި ފޯރަމްގައި ކަމާގުޅޭ މިނިސްޓްރީތަކުގެ އިސް ބޭފުޅުންނާއި ރާއްޖޭގެ އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލްތަކުގެ ގިނަ އަދަދެއްގެ ރައީސުންވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.
އޭސީއެފްގައި ރާއްޖެ ތަމްސީލުކުރާ ހަމައެކަނި މެމްބަރަކީ ބ. އަތޮޅު ކައުންސިލެވެ. މިދިޔަ އަހަރު މި ފޯރަމް ބޭއްވުނީ ފިލިޕީންސްގެ ސެބޫގައެވެ.
އަހަރަކު އެއްފަހަރު ބާއްވާ މި ފޯރަމްގެ މައިގަނޑު މަޤްސަދަކީ މެމްބަރު ޤައުމުތަކުގެ ލޯކަލް ކައުންސިލްތަކާއި ކައުންސިލަރުންގެ މެދުގައި ގުޅުން ބަދަހިކޮށް، މަޢުލޫމާތާއި ތަޖުރިބާ އަދި އެހީތެރިކަން އިތުރުކުރުމެވެ.

