
ސަރުކާރުން “މަގޭ ސޯލާ” ޕްރޮޖެކްޓް ފަށައި، އަމިއްލަ ގެތަކުގެ ފުރާޅުގައި ސޯލާ ޕެނަލް ހަރުކޮށްގެން ހަކަތަ އުފެއްދުމަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮޖެކްޓަކީ އާންމުން ކަރަންޓަށް ކުރާ ހޭދަ ކުޑަކުރުމަށާއި، ރާއްޖޭގައި ލިބެން ހުރި ހަކަތައިގެ ވަސީލަތްތަކުގެ ބޭނުންކުރުން އިތުރުކުރުމަށް އަމާޒުކޮށްގެން ފަށާފައިވާ މަޝްރޫއެކެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ޕްރޮޖެކްޓަކީ ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓް އިޔާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ވާސިލުވުމަށް ކުރާ މަސައްކަތުގެ ބައެކެވެ.
މި ޕްރޮގްރާމުގެ ދަށުން ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދެވޭނީ ހަމައެކަނި ގެތަކަށެވެ. އަދި ގެތައް ކަނޑައަޅާނީ އާންމުކޮށް ހުޅުވާލުމުން އެކަމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތަރުތީބުންނެވެ. މި ޕްރޮގްރާމަށް އެދި ހުށަހަޅަން ޖެހޭނީ ފެނަކަ ކޯޕަރޭޝަންގެ ވެބްސައގެ ވެބްސައިޓް މެދުވެރިކޮށެވެ.
ފެނަކައިން ބުނި ގޮތުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރެވޭނެ ގެތަކާއި ގެތަކަށް ދޫކުރެވޭ ސިސްޓަމްގެ ސައިޒު ކަނޑައަޅާނީ ނެޓް މީޓަރިން އުސޫލުގެ ދަށުން، ގޭބިސީތައް ސާވޭކުރުމަށް ފަހުގައެވެ.
މި ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދޭ ސޯލާ ޕީވީ ސިސްޓަމަށް އެޑްވާންސް ޕޭމަންޓެއް ނުނަގާނެ ކަމަށް ފެނަކައިން ބުނެއެވެ. ނަމަވެސް ހަރުކުރުމުގެ ފީގެ ގޮތުގައި ސިސްޓަމުގެ އަގުގެ 10 ޕަސެންޓް ނަގާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި 10 ޕަސެންޓަށް ވާ ފައިސާ ކޮންޓްރެކްޓުގައި ސޮއިކުރާއިރު ދައްކަން ޖެހޭނެއެވެ.
ތިމާވެށްޓާބެހޭ މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްރޫއުގެ ދަށުން އއ. އަދި އދ. އަތޮޅު ފިޔަވައި އެހެން ހުރިހާ އަތޮޅަކަށް ވަކި އަދަދަކަށް ސޯލާ ޕީވީ ސިސްޓަމް ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.
މިނިސްޓްރީން ދޫކުރާ ސިސްޓަމްތަކުގެ ތެރޭގައި ތިން އަދި ފަސް ކިލޯވޮޓުގެ ސިންގަލް ފޭސް އަދި ތްރީ ފޭސް ސިސްޓަމްތައް ހިމެނެއެވެ. ތިން ކިލޯވޮޓުގެ ސިސްޓަމެއްގެ އަގަކީ 45,000 ރުފިޔާ ކަމަށްވާއިރު، ފަސް ކިލޯވޮޓުގެ ސިސްޓަމެއްގެ އަގު 75,000 ރުފިޔާގައި ހަމަޖެހިފައިވެއެވެ.
ރައްޔިތުންނަށް ލުއިފަސޭހަކޮށް ދިނުމުގެ ގޮތުން، މި ސިސްޓަމްތަކަށް އަގު ދެއްކުމަށް ދެ ގޮތެއް ހުށަހަޅާފައިވެއެވެ. އެއީ އެއްފަހަރާ މުޅި އަގު ދެއްކުން ނުވަތަ ފަސް އަހަރަށް ބަހާލައިގެން މަހުން މަހަށް ދައްކާ ގޮތަށް އިންސްޓޯލްމަންޓް އުސޫލުންނެވެ. އިންސްޓޯލްމަންޓަށް ނަގާ ފަރާތްތަކުގެ ކަރަންޓު ބިލުގައި، ކޮންމެ މަހަކު ދައްކަންޖެހޭ އަދަދު ހިމެނޭނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

