ބ. ކަމަދޫގައި ގާއިމުކުރި ޕޮލިސް ޕޯސްޓު ހުޅުވައި ފުލުހުން ގާއިމުވެ ތިބެ ޚިދުމަތް ދޭން ފަށައިފި އެވެ.
އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވީ ކޮމިޝަނާ އޮފް ޢަލީ ޝުޖާއު އާއި ކަމަދޫ ކައުންސިލުގެ ރައީސް ހަސަން ޒަރީރު އެވެ.
ކަމަދޫ ޕޮލިސް ޕޯސްޓު ހުޅުވައިދެއްވައި ސީޕީ ޝުޖާޢު ވިދާޅުވީ އިއްޔެއަކީ ކަމަދޫގެ ރައްޔިތުންނަށާއި ކަމަދުއަށް ޒިޔާރަތްކުރާ އެންމެހައި ރައްޔިތުންނަށް އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޕޮލިސް ޕޯސްޓު ގާއިމުކުރެވިގެންދިޔަ ތާރީހީ ދުވަސް ކަމަށެވެ. އަދި ކަމަދު އަކީ އިޖުތިމާއީ ގުޅުން ގާއިމު، ކުށްމަދު ރަށެއް ކަމަށާއި ކަމަދޫ ޕޮލިސް ޕޯސްޓަކީ ރަށުގައި އިތުރަށް ކުށް ވިޔަނުދިނުމަށް ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތްކުރުމަށް ހުޅުވިގެންދިޔަ ދޮރެއްކަމަށް ވިދާޅުވި އެވެ.
“މި ރަށުގައި ތިބޭ ފުލުހުންނަށް އަޅުގަނޑު ދަންނަވައިލާނީ މުޖުތަމައުގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަމާއި އަމަން އަމާންކަން ނަގަހައްޓައި ދެމެހެއްޓުމަށް ކުރަންޖެހޭ ކަންކަމާއި، ޖިނާއީ ކުށްކުރުން ހުއްޓުވައި ތަހުގީގުކޮށް ގާނޫނު ތަންފީޒުކުރުމާއި، ގާނޫނު ނެގެހެއްޓުމަށް ބޭނުންވާ ގާނޫނީ ބާރާއި އިހުތިޔާރު ލިބިފައިވާ ޚިދުމަތެއް ފޯރުކޮށްދިނުމަށް ތިޔައިން އެއްވެސް ފުލުހެއް ފަހަތަށް ނުޖެހުމަށް” ސީޕީ ވިދާޅުވި އެވެ.
އޭގެ އިތުރުން، މިއަދު ފުލުހުންގެ ޚިދުމަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި އަމަލުކުރާ މައިގަނޑު އަސާސަކީ މުޖުތަމައުގެ ރައްޔިތުންނާ ގުޅިގެން، ކުށް ވިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށާއި ކުށް އުފެދުމުގެ ކުރިން، ކުށް އުފެދުމަށްހުރި ހުރަސްތައް ނައްތައިލުމަށް މަސައްކަތްކުރުމަށާ އަދި ރައްޔިތުންނާ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވިގެންދާތަން ކަމަދޫއިން ފެނިގެން ދިއުން އުއްމީދުކުރައްވާ ކަމަށްވެސް ސީޕީ ވިދާޅުވި އެވެ.
ކަމަދޫގައި އިއްޔެ މި ޚިދުމަތް ފެށުމާއެކު ބ. އަތޮޅުގައި ހިމެނޭ 13 ރަށުގެ ތެރެއިން ފުލުހުންގެ ޚިދުމަތް މިހާރު ނުފެށި އޮތީ ހަމައެކަނި ފެހެންދޫ އަދި ފުޅަދޫގައެވެ. އެ ދެ ރަށުގައި ވެސް ފުލުހުންގެ ހިދުމަތް ފަށަން އަންނަނީ ތައްޔާރުވަމުންނެވެ.