ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ތ. ތިމަރަފުށި 0-4 އިން ބަލިކޮށް އޭދަފުށި ފުޓްބޯޅަ ޓީމު މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުން ފުރުސަތު ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މެޗުން ހޯދި މޮޅާ އެކު އޭދަފުށި ވަނީ ގްރޫޕް ބީ ގައި ކުޅުނު ދެ މެޗުން 6 ޕޮއިންޓް ހޯދާފަ އެވެ. ފުރަތަމަ މެޗުގައި ތުޅާދޫއާ ވާދަކޮށް އޭދަފުށި މޮޅުވީ 1-5 އިންނެވެ. އޭދަފުއްޓާ އެކު މާލެ ސިޓީ ވެސް ވަނީ އަނެއް ބުރުން ފުރުސަތު ހޯދާފަ އެވެ.
ގްރޫޕުން ކަޓާނީ ފުލަށް ދާ ޓީމެވެ. އެޓީމެއް ޔަގީން ވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ތިމަރަފުއްޓާއި ތުޅާދޫ ވާދަކުރާ މެޗުންނެވެ.
ގޯލްޑް ކަޕްގައި 17 ޓީމު ބައިވެރިވެފައިވާއިރު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުން ކަޓާނީ 5 ޓީމެވެ. އެއީ ގްރޫޕް އޭ އިން ދެ ޓީމު، އަދި ދެން ކޮންމެ ގްރޫޕަކުން އެއް ޓީމެވެ. އޭގެފަހުން ކުޅޭނީ 12 ޓީމު ހިމެނޭ ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރެވެ.
މިއަދުގެ މެޗު ފަށައިގެން މޮޅަށް ކުޅޭ އޭދަފުށިން ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި އެވެ. ފުރަތަމަ ހާފުގައި ތިމަރަފުށިން ވެސް އޭދަފުށީގެ ގޯލަށް ނުރައްކާކުރި އެވެ.
މެޗުގެ ފުރަތަމަ ގޯލު އިޝާން އިބްރާހީމް (ސައްޓު) ދިން ބޯޅައަކުން ޖެހީ އަލީ ނަސީމް (ދިއްލި) އެވެ.
ދެވަނަ ހާފުގައި އޭދަފުށިން އިތުރު ތިން ގޯލު ޖެހި އެވެ. ދެވަނަ ގޯލު ސައްޓު ދިން ބޯޅައަކުން ޖެހީ މުހައްމަދު ފާސިރު (ފާއްޓެ) އެވެ. އޭދަފުށީގެ ތިން ވަނަ ގޯލު ވެސް ޖެހީ ފާއްޓެ އެވެ. ހުސައިން ޝަރީފް (މުޑާ) ނަގައިދިން ކޯނަރު ފާއްޓެ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
އޭދަފުށީގެ ފަހު ގޯލަކީ ތިމަރަފުށީގެ ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން މުޑާ ޖެހި ލަނޑެކެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ދެ ގޯލު ޖެހި ފާއްޓެ އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޭދަފުށި ނުކުންނާނީ މާލެއާ ދެކޮޅަށެވެ. ފައިދާ އެއް ގޯލުގެ ތަފާތުން ގްރޫޕުގެ ބީގެ އެއް ވަނައިގައި މިވަގުތު އޮތީ މާލެ އެވެ. އެ މެޗު ކުޅޭނީ އަންނަ އާދީއްތަ ދުވަހުގެ ރޭ 9 ޖަހާއިރު އެވެ.