ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފި އެވެ.
ބީއެމްއެލް އިސްލާމިކް އިން ރާއްޖޭގެ ފުރަތަމަ ޝަރީޢާ ކޮމްޕްލައެންޓް ވިސާ ކްރެޑިޓް ކާޑު ތައާރަފްކޮށްފިބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑަކ،ީ ކަސްޓަމަރަށް ހިދުމަތް ފޯރުކޮށްދިނުމުން އެއްބަސްވެފައިވާ ފީއެއް ނެގޭ ގޮތަށް އިސްލާމިކް ބޭންކިންގެ އުޖްރާ އުސޫލުން ފަރުމާކޮށްފައިވާ ކާޑެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ބޭންކުން ބުނި ގޮތުގައި، ކްލެސިކް، ގޯލްޑް، ޕްލެޓިނަމް އަދި ސިގްނޭޗާ ކާޑު ލިބެން ހުންނަ މި ވިސާ ކާޑަކީ ރާއްޖެ އާއި ރާއްޖެއިން ބޭރު މުއާމަލާތްތައް ކުރެވޭ ގޮތަށް އެންމެ ފަހުގެ ސަލާމަތީ ފިޔަވަޅުތައް އެކުލެވޭ ކާޑެކެވެ.
އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވިޔަފާރި ކުރުމަށް ފަސޭހަކަމާ އެކު މި ކާޑު ބޭނުންކުރެވޭއިރު، ބީއެމްއެލް އިސްލާމިކް ވިސާ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ،ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމްގައި ބައިވެރިވެ، ކްރެޑިޓް ކާޑުން ކުރާ މުއާމަލާތްތަކަށް ޕޮއިންޓް ހޯދޭނެ ކަމަށް ބޭންކުން ބުންޏެވެ.
މިގޮތުން، ފްލައިޓް ޓިކެޓް، ކާރު ކުއްޔަށް ނެގުން، ހޮޓެލް ބުކިންތަކަށް ނުވަތަ ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މާޗަންޓުންގެ ވައުޗަރު ހޯދުމަށްވެސް ރިވޯޑް ޕޮއިންޓްސް ބޭނުންކުރެވޭނެ އެވެ.
މި ކާޑު ތައާރަފްކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް އިސްލާމިކް ބޭންކިން ހަސަން ކަލާމް ވިދާޅުވީ، ބޭންކުގެ ކަސްޓަމަރުންނަށްދޭ އިސްލާމިކް ބޭންކިންގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ތެރެއިން ޝަރުއީ ހަމަތަކަށް ފެތޭ ކްރެޑިޓް ކާޑު ޕޯޓްފޯލިއޯއަށް ވިސާ ކްރެޑިޓް ކާޑު ތައާރަފް ކުރުމަކީ ބޭންކަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“ބީއެމްއެލްގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފޯރުކޮށްދެމުންދާ ވިސާގެ ހިދުމަތްތަކާ އެއްހަމައެއްގައި އިސްލާމިކް ބޭންކިންގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ބޭނުންވާ ކަސްޓަމަރުންނަށް ހާއްސަ އަދި ރައްކާތެރި ހިދުމަތެއް ފޯރުކޮށްދިނުން،” އޭނާ ވިދާޅުވި އެވެ.
ބީއެމްއެލް އިސްލާމިކް އިން ދަނީ ރާއްޖޭގެ އިސްލާމިކް ބޭންކިން ދާއިރާއަށް ތަފާތު އާ ހިދުމަތްތައް ތައާރަފްކުރަމުންނެވެ.
ބޭންކުންވަނީ ރާއްޖޭގެ ފުރަތަމަ ޝަރީއާ ކޮމްޕްލައެންޓް ކްރެޑިޓް ކާޑު މި އަހަރު ކުރީކޮޅު ތައާރަފްކޮށްފަ އެވެ.