ދެވަނަ ބުރުގައި އޭދަފުށި ނުކުންނާނީ މާފުށި އަދި ދިއްދޫއާ ދެކޮޅަށް

އޭދަފުއްޓާ މާލެ ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން – ފޮޓޮ: ވަގުތު އިމޭޖަސް

ނައިންޓީ ޕްލަސް ގޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް ދެވަނަ ބުރުގައި އޭދަފުށިން، ކ. މާފުށި އަދި ހއ. ދިއްދޫއާ ވާދަކުރަން ޖެހިއްޖެ އެވެ.

ގޯލްޑް ކަޕްގައި 17 ޓީމު ބައިވެރިވިއިރު ރޭ ވަނީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރު ނިމިފަ އެވެ. ހަތަރު ގްރޫޕަށް ބަހާލައިގެން ކުޅުނު ގްރޫޕް ސްޓޭޖުގެ ފުރަތަމަ ބުރުން ފަސް ޓީމު ކެޓި އެވެ. އެއީ ގްރޫޕް އޭ އިން ކެޓި ދ. ކުޑަހުވަދޫ، ގދ. ފަރެސްމާތޮޑާ، ގްރޫޕް ބީ އިން ބ. ތުޅާދޫ، ގްރޫޕް ސީ އިން ކ. ހުރާ އަދި ގްރޫޕް ޑީ އިން ބ. ކެންދޫ އެވެ.

ގްރޫޕް ސްޓޭޖުގެ ދެވަނަ ބުރުގައި 12 ޓީމު ވަނީ ހަތަރު ގްރޫޕަށް ބަހާލާފަ އެވެ. މާފުއްޓާއި ދިއްދޫއާ އެކު އޭދަފުށި ހިމެނުނީ ގްރޫޕް ޖީ ގަ އެވެ.

ގްރޫޕުގެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ރޭގަނޑު އޭދަފުށި ނުކުންނާނީ މާފުއްޓާ ދެކޮޅަށެވެ. އޭދަފުށީގެ ދެވަނަ މެޗުގައި ދިއްދޫއާ ވާދަކުރާނީ މި މަހުގެ 14 ވަނަ ދުވަހުގެ ހަވީރު އެވެ. އެ ގްރޫޕުގެ އަނެއް މެޗުގައި މާފުއްޓާއި ދިއްދޫ ކުޅޭނީ މި މަހުގެ 11 ވަނަ ދުވަހުގެ ރެ އެވެ.

އޭދަފުށި ދެވަނަ ބުރުން ފުރުސަތު ހޯދީ ގްރޫޕް ބީގެ ތިން މެޗުން މޮޅުވެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. ފުރަތަމަ މެޗުގައި ތުޅާދޫއާ ވާދަކޮށް 1-5 އިން މޮޅުވިއިރު ދެވަނަ މެޗުގައި 0-4 އިން ތ. ތިމަރަފުށި ބަލިކުރި އެވެ. ގްރޫޕުގެ ފަހު މެޗުގައި އޭދަފުށި ވަނީ މާލެ ސިޓީ 0-2 އިން ބަލިކޮށްފަ އެވެ.

މާފުށި ދެވަނަ ބުރަށް ކޮލިފައިވީ ގްރޫޕް ބީގެ ތިންވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމަށް ތިން މެޗުން ލިބުނީ ހަތަރު ޕޮއިންޓެވެ. ފުރަތަމަ މެޗުގައި ޅ. ނައިފަރު އަތުން 0-1 އިން ބަލިވިއިރު ދެވަނަ މެޗުގައި ކެންދޫއާ ވާދަކޮށް އެއްވަރުވީ 1-1 އިންނެވެ. ފަހު މެޗުގައި މާފުށިން ވަނީ ރ. އަލިފުށި 1-0 އިން ބަލިކޮށްފަ އެވެ.

ދިއްދޫ ވަނީ ފަސް ޓީމު ހިމެނުނު ގްރޫޕް އޭގެ ދެވަނަ ހޯދައިފަ އެވެ. އެޓީމަށް ފަސް މެޗުން ލިބުނީ ހަތް ޕޮއިންޓް އެވެ.

ގްރޫޕުގައި ދިއްދޫ ކުޅުނު ފުރަތަމަ މެޗުގައި ފުވައްމުލައް ސިޓީ އަތުން 3-7 އިން ވަނީ ބަލިވެފަ އެވެ. ދެވަނަ މެޗުގައި ދިއްދޫ އިން ވަނީ 6-2 އިން ކުޑަހުވަދޫ ބަލިކޮށްފަ އެވެ. ގްރޫޕުގެ ތިންވަނަ މެޗުގައި ދ. މީދޫއާ ވާދަކޮށް އެއްވަރުވީ 2-2 އިންނެވެ. ގްރޫޕުގެ ފަހު މެޗުގައި ރޭ ދިއްދޫ އިން ވަނީ ފަހަތުން އަރައި 4-2 އިން ފަރެސްމާތޮޑާ ބަލިކޮށްފަ އެވެ.

ދެވަނަ ބުރުގެ ކުޅުން މާދަމާ ހަވީރު ފަށާއިރު، އެ މެޗުގައި ވާދަކުރާނީ ގްރޫޕް އީގައި ހިމެނޭ ފުވައްމުލައް އަދި ތިމަރަފުއްޓެވެ. އޭދަފުއްޓާއި މާފުށި ވާދަކުރާ މެޗު ފަށާނީ މާދަމާ ރޭ 9 ޖަހާއިރު އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.