
ދިވެހިރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކިންގ ޚިދުމަތްދޭ ފަރާތް ކަމުގައިވާ ބީއެމްއެލް އިސްލާމިކް އިން 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، އިތުރު ތިން ރަށެއްގައި ހުރި ގޮފިތައް ވަނީ އިސްލާމިކް ގޮފިތަކުގެ ގޮތުގައި އަލުން ބްރޭންޑްކޮށްފައެވެ.
މިގޮތުން އައްޑޫ ގަމާއި، އއ. މަހިބަދޫ އަދި ބ. އޭދަފުށީގައި ހުރި ބީއެމްއެލްގެ ގޮފިތައް ވަނީ “ބީއެމްއެލް އިސްލާމިކް” ގޮފިތަކުގެ ގޮތުގައި އަލުން ބްރޭންޑްކޮށްފައެވެ.
“މި ތިން ގޮފިން މީގެ ފަހުން އިސްކަން ދޭނީ އިސްލާމިކް ބޭންކިންގ ޚިދުމަތްތަކަށް” ކަމަށް ބޭންކުން ބުނެއެވެ.
ބީއެމްއެލް އިސްލާމިކްއަކީ ރާއްޖޭގައި އިސްލާމިކް އޯވަރޑްރާފްޓް ފައިނޭންސިންގ، ކޭޝް ފައިނޭންސިންގ، އިސްލާމިކް ޑެބިޓް ކާޑު، އަދި ޝަރީޢާއާ އެއްގޮތަށް ހުއްދަކުރެވިފައިވާ ކްރެޑިޓް ކާޑު ތަޢާރަފުކުރި ފުރަތަމަ ފަރާތެވެ. އަދި މިހާރު އެއީ ދިވެހިރާއްޖޭގެ އެންމެ ބޮޑު އިސްލާމިކް ބޭންކިންގ ޚިދުމަތް ފޯރުކޮށްދޭ ފަރާތް ކަމުގައި ވެފައިވެއެވެ.