
ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޒޯން ތިނެއްގެ ފައިނަލުގައި އޭދަފުއްޓާއި ކާށިދޫ މިރޭ ވާދަކުރާނެ އެވެ.
ހުޅުމާލެ ރެހެންދި ފުޓްސަލް ޓާފް ގްރައުންޑް އެކެއްގައި މެޗު ފަށާނީ މިރޭ 10 ޖަހާއިރު އެވެ.
ޒޯން ތިނެއްގައި ވާދަކުރީ އޭދަފުއްޓާއި ކާށިދޫގެ އިތުރުން މާފުއްޓާއި ކުރެންދޫ އެވެ. އޭދަފުށި ގްރޫޕް ސްޓޭޖުގެ އެއްވަނަ ހޯދީ 7 ޕޮއިންޓާ އެކު އެވެ.
ކާށިދޫ އަށް ދެވަނަ ލިބުނީ 6 ޕޮއިންޓް ހޯދައިގެންނެވެ. މާފުށި 3 ޕޮއިންޓާ އެކު ތިން ވަނަ ހޯދިއިރު ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި ކުރެންދޫ އެވެ. ޒޯން ބުރުން ކެޓީ މާފުއްޓާއި ކުރެންދޫ އެވެ.
އޭދަފުށިން ވަނީ މުބާރާތުގެ ބ. އަތޮޅު ފައިނަލުގައި ތުޅާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދާފަ އެވެ. ކާށިދޫ ވަނީ އަތޮޅު ފައިނަލުގައި މާފުށި އަތުން ބަލިވެފަ އެވެ.
އޭދަފުއްޓާއި ކާށިދޫ ޒޯން ބުރުގައި ވާދަކުރި މެޗު އޭދަފުށިން ކާމިޔާބުކުރީ 7-4 އިންނެވެ.
އޭދަފުށި ވަނީ މިދިޔަ އަހަރުގެ ޒޯން ފައިނަލުގައި ގާފަރާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން ބަލިވެފަ އެވެ. އޭދަފުއްޓާ ދެކޮޅަށް ނުކުންނަ ކާށިދޫއަކީ މުބާރާތުގައި ބޮޑު ކުރިއެރުމެއް ހޯދި ޓީމެކެވެ. އެޓީމުން ވަނީ އަތޮޅު ސެމީ ފައިނަލުގައި ވަރުގަދަ ގާފަރު ބަލިކޮށް، ކަޓުވާލާފަ އެވެ. އަދި، ޒޯން ބުރުގައި، އަތޮޅު ޗެމްޕިއަން މާފުށި ވެސް ބަލިކުރި އެވެ.
މުބާރާތުގެ ޒޯން ފައިނަލްތައް ކުޅޭނީ މިރެޔާއި މާދަމާ ރެ އެވެ. މިރޭ ހަތަރު ފައިނަލް ކުޅޭނެ އެވެ. ރޭގަނޑު 8 ޖަހާއިރު ކުޅޭ ފައިނަލްތަކުގައި ވާދަކުރާނީ ޒޯން ހައެއްގެ ތިމަރަފުއްޓާއި ގަމުގެ އިތުރުން ޒޯން އަށެއްގެ ވިލިމާލެ އާއި މައްޗަންގޯޅި އެވެ.
އޭދަފުއްޓާއި ކާށިދޫ ވާދަކުރާ ފައިނަލް 10 ޖަހާއިރު ފަށާއިރު ހަމަ އެގަޑީގައި ޒޯން ހަތަރެއްގެ ފައިނަލުގައި ކުޑަހުވަދޫ އާއި ދަރަނބޫދޫ ވާދަކުރާނެ އެވެ.