
މާދަމާ މާލޭގައި ފަށާ، 10 އަހަރުން ދަށުގެ މައިލޯ އެކަޑެމީ ޗެމްޕިއަންޝިޕްގައި ވާދަކުރަން އޭދަފުށި އާޖީލަކަށް އެކެޑަމީ ފުޓްބޯޅަ ޓީމު މާލެ ގޮސްފި އެވެ.
އާޖީލަކަށް 10 އަހަރުން ދަށުގެ ފުޓްބޯޅަ ޓީމު ވާދަކުރާ ގްރޫޕް ސްޓޭޖުގެ މެޗުތައް އޮންނާނީ މާދަމާ އެވެ. މުބާރާތުގެ މެޗުތައް ކުރިއަށްދާނީ ހެންވޭރު ފުޓްބޯޅަ ދަނޑުގަ އެވެ.
އޭދަފުށި އާޖީލަކަށް ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ހެނދުނު 7:20 ގައި ނުކުންނާނީ އެފްއެފްއެފް އެކެޑަމީއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި މާދަމާ ހެނދުނު 10:00 ގައި ވާދަކުރާނީ ސަސް އެކެޑަމީ ބީ ޓީމާ އެވެ. ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި މާދަމާ ހަވީރު 17:40 ގައި އޭދަފުށި އާޖީލަކަށް ޓީމާ ދެކޮޅަށް ނުކުންނާނީ ޓީސީ އެކެޑަމީ އެވެ.

މައިލޯ އެކެޑަމީ ޗެމްޕިއަންޝިޕްގައި ޖުމްލަ 32 ޓީމު ވަނީ ބައިވެރިވެފަ އެވެ. މުބާރާތް ކުރިއަށްދަނީ 8 ގްރޫޕަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ޓީމުތައް ގަދަ 16 އަށް ހޮވޭނެ އެވެ.
މިދިޔަ އަހަރު އޮކްޓޫބަރު މަހު އޮތް އެކެޑަމީ މުބާރާތުގައި ވެސް، އޭދަފުށި އާޖީލަކަށް އެކެޑަމީގެ 10 އަހަރުން ދަށުގެ ފިރިހެން ޓީމު ވަނީ ވާދަކޮށްފަ އެވެ.