
ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ގަދަ 16 ގައި އޭދަފުށި ފުޓްސަލް ޓީމު މިރޭ ފުވައްމުލަކު ދަނޑިމަގާ ދެކޮޅަށް ނުކުންނާނެ އެވެ.
މުބާރާތުގެ ނޮކައުޓް ބުރުގެ ކުޅުން މިރޭ ފަށާއިރު، ގަދަ 16 ގެ 8 މެޗު ވެސް ކުޅޭނެ އެވެ. އޭދަފުއްޓާއި ދަނޑިމަގު ވާދަކުރާ މެޗު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 1 ގައި ފަށާނީ މިރޭ 8 ޖަހާއިރު އެވެ.
ނޮކައުޓް ބުރަށް ނުކުންނައިރު އޭދަފުށި ވަނީ މިއަހަރުގެ އަތޮޅު ބުރުގެ ޗެމްޕިއަންކަމާއި ޒޯން ބުރުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އަތޮޅު ޗެމްޕިއަންކަން އޭދަފުށި ހޯދީ ތުޅާދޫ 1-3 އިން ބަލިކޮށްގެންނެވެ. ޒޯން ފައިނަލުގައި ކ. ކާށިދޫއާ ވާދަކޮށް 0-0 އިން އެއްވަރުވެ، އޭދަފުށި ކުރި ހޯދީ ޕެނަލްޓީގަ އެވެ.
ދަނޑިމަގު މުބާރާތް ފެށީ ވެސް ޒޯން ބުރުންނެވެ. ޒޯން ހަތެއްގެ ގްރޫޕް ސްޓޭޖުގެ އެއްވަނަ އެޓީމުން ހޯދި އެވެ. ޒޯން ފައިނަލަށް ދަތުރުކޮށް އެޓީމު ވަނީ ގދ. ވާދޫއާ ވާދަކޮށް 1-0 އިން ބަލިވެފަ އެވެ.
އޭދަފުއްޓަކީ މުބާރާތުގެ މިދިޔަ އަހަރުގެ ޗެމްޕިއަނުންނެވެ. މިދިޔަ އަހަރު އޭދަފުށިން ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-4 އިން ލ. ގަން ބަލިކޮށްގެންނެވެ.
ދަނޑިމަގަށް މުބާރާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކުރިއެރުމަކީ 2022 އަހަރުގެ ސެމީ ފައިނަލުގައި ވާދަކުރުމެވެ.
ގޯލްޑަން ފުޓްސަލްގައި ވާދަކުރާ އޭދަފުށި ޓީމު ނަގަނީ ޔުނައިޓެޑް ވީއިންނެވެ. މިރޭގެ މެޗަށް ނުކުންނައިރު ޔުނައިޓެޑް ވީއިން އެދުނީ ވީހާވެސް ގިނަ ސަޕޯޓަރުން ޓީމަށް ސަޕޯޓް ކުރުމަށް މިރޭ ހުޅުމާލެ ރެހެންދި ދަނޑަށް ދިއުމަށެވެ.
“މިއީ އަނެއްކާވެސް އޭދަފުއްޓަށް ކުޅިވަރުގަ ބޮޑު ރެޔެއް. މުބާރާތުގައި ކުރިއަށްދާން ބަލާއިރު ސަޕޯޓަރުންގެ އެހީ އެންމެ ބޮޑަށް ބޭނުންވާ ހިސާބަކީ މިއީ. މެނޭޖްމަންޓުގެ ވަރަށް ބޮޑު އެދުމެއް އެއީ ވީހާވެސް ގިނަ ސަޕޯޓަރުން މިރޭ ޓީމަށް ތަރުހީބު ދިއުމަށް ދިއުން” ޔުނައިޓެޑް ވީގެ އޮފިޝަލް ބުންޏެވެ.
އޭދަފުއްޓާއި ދަނޑިމަގު މިހާތަނަށް ގޯލްޑަން ފުޓްސަލްގައި ވާދަކުރީ 2023 ވަނަ އަހަރު އެވެ. އެ އަހަރު ގަދަ 16 ގެ މެޗުގައި އޭދަފުށިން ވަނީ 0-2 އިން ދަނޑިމަގު ބަލިކޮށްފަ އެވެ.