އޭދަފުށްޓާއި ގަން ކުއާޓާ ފައިނަލުގައި މިރޭ، ޓީމަށް ސަޕޯޓަރުންގެ ތަރުހީބު މުހިއްމު

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކުއާޓާ ފައިނަލުގައި މިރޭ އޭދަފުއްޓާ ދެކޮޅަށް ލ. ގަން ނުކުންނާނެ އެވެ.

އޭދަފުށިން މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި 2-4 އިން ގަން ބަލިކޮށްގެންނެވެ. އޭގެފަހުން މިއަހަރުގެ މުބާރާތް ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ގަމުން ވަނީ އޭދަފުށި 1-0 އިން ބަލިކޮށްފަ އެވެ. އަނެއްކޮޅުން ގަމަކީ 2023 ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެމްޕިއަނުންނެވެ.

އޭދަފުށި ކުއާޓާ ފައިނަލަށް ދަތުރުކުރީ އަތޮޅު ޗެމްޕިއަންކަމާއި ޒޯން ޗެމްޕިއަންކަން ހޯދައިގެންނެވެ. އަތޮޅާއި ޒޯންގައި ގަމަށް ލިބުނީ ދެވަނަ އެވެ. އަތޮޅު ފައިނަލުގައި ލ. އިސްދޫ އަތުން ބަލިވިއިރު ޒޯން ފައިނަލުގައި ބަލިވީ ތިމަރަފުށި އަތުންނެވެ.

ގަދަ 16 ގެ މެޗުގައި އޭދަފުށި ވަނީ 2-3 އިން ފުވައްމުލަކު ދަނޑިމަގު ބަލިކޮށްފަ އެވެ. ގަން މޮޅުވީ ވަރުގަދަ އިނގުރައިދޫއާ ވާދަކުރި މެޗު 1-1 އިން އެއްވަރުވެ ޕެނަލްޓީ ޖަހައިގެންނެވެ.

އެންމެ ފަހުގެ ދެ ޗެމްޕިއަނުން މިރޭ ކުއާޓާ ފައިނަލް މެޗަށް ނުކުންނައިރު، އަދި މިއީ މިދިޔަ އަހަރުގެ ފައިނަލުގެ ރިޕީޓަކަށް ވުމާއެކު ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ.

މެޗާ ގުޅޭގޮތުން “އީޓީ” އާ ވާހަކަދައްކަމުން އޭދަފުށި ފުޓްސަލް ޓީމު ކޮންމެ އަހަރަކު މުބާރާތަށް ނެރޭ، ޔުނައިޓެޑް ވީ ޓީމުގެ އިސް އޮފިޝަލަކު ބުނީ، ކުރިން މެޗުތަކަށްވުރެ ބޮޑަށް އޭދަފުށީގެ ސަޕޯޓަރުންގެ ތަރުހީބު މިރޭ ބޭނުންވާ ކަމަށެވެ.

“އޭދަފުށި ހޯދާ ކާމިޔާބީތަކުގައި ސަޕޯޓަރުންގެ ދައުރު މުހިއްމު. މިއީ އެންމެ ބޮޑަށް ޓީމަށް ސަޕޯޓް ބޭނުންވާ ވަގުތު.
ސަޕޯޓަރުންގެ ކިބައިން އެދެން އޮތީ ދަނޑަށް އައިސް މެޗު ނިމެންދެން އެއްވަރެއްގައި ސަޕޯޓް ކޮށްދޭށޭ. ޓީމުގެ ކުޅުންތެރިންނަށް ލިބޭނެ އެންމެ ބޮޑު ހިތްވަރަކީ އެއީ” ޔުނައިޓެޑް ވީގެ އޮފިޝަލް ބުންޏެވެ.

އޭދަފުއްޓާއި ގަން ވާދަކުރާ ކުއާޓާ ފައިނަލް މެޗު ފަށާނީ މިރޭ 8 ޖަހާއިރު ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ގްރައުންޑް 1 ގަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.