
ހުޅުމާލޭ މަސްޖިދުލް ޝައިހް ގާސިމް ބިން އަލްޘާނީ (ހުޅުމާލެ ބޮޑު މިސްކިތް) ގައި އޭސީ ހަރުކޮށް، އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރުމަށްފަހު އަލުން ހުޅުވައިފި އެވެ.
އުރީދޫން ބުނި ގޮތުގައި، އެ މަސައްކަތް ކުރީ އެންޖީއޯ، ގަތަރު ޗެރިޓީއާ ގުޅިގެން ކަމަށެވެ. މި މަސައްކަތް ނިންމުމަށްފަހު މިސްކިތް އަލުން ހުޅުވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިސްކިތް އަލުން ހުޅުވުމަށްޓަކައި މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޤަތަރު ޗެރިޓީ ގެ ސީއީއޯ އެސިސްޓަންޓް ފޯ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ ފައިސަލް ރާޝިދު އަލް ފަހެއިދާ، އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ، މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވަނީ ބައިވެރިވެފައެވެ.
މީގެ އިތުރުން އެޗް.ޑީ.ސީގެ އިސް އޮފިޝަލުން އަދި އުރީދޫ މޯލްޑިވްސްގ އިސް އޮފިޝަލުންވެސް ބައިވެރިވިއެވެ.

2006 ވަނަ އަހަރު އިމާރާތްކުރި ހުޅުމާލޭ ގްރޭންޑް މިސްކިތަކީ 1800 އަށް ވުރެ ގިނަ މީހުންނަށް ހިތްފަސޭހަ މާހައުލެއްގައި ބޭނުންކުރެވޭގޮތަށް ބިނާކުރެވިފައިވާ މިސްކިތެކެވެ. މިސްކިތުގެ ގޯތިތެރެއަކީ ގަސްތަކުން ރީތިކޮށްފައިވާ، މިސްކިތުގެ އެތެރޭގައި ސީލިންގުގެ މަތީގައި ރީތި ޖިއޮމެޓްރިކް ޑިޒައިނެއް ހުރެއެވެ.
އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އުރީދޫ މޯލްޑިވްސްގެ ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ އުރީދޫ މޯލްޑިވްސް އަކީ އެ ކުންފުނިން ފޯރުކޮށްދޭ ކަނެކްޓިވިޓީގެ އިތުރަށް، ޚިދުމަތްކުރާ މުޖުތަމަޢުތަކަށް ފައިދާ ވާފަދަ ކަންކަން ކުރުމަށް އިސްކަންދޭ ކުންފުންޏެއް ކަމަށެވެ.
“މިސްކިތް މަރާމާތުކުރުމުގެ މި މަޝްރޫޢަކީ، އިޖްތިމާޢީ ޙައްޤުގައި ޒަމާނުއްސުރެ އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތުގެ ހެއްކެއް. މި މަރާމާތުތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ މި ބަރަކާތްތެރި ރަމަޟާން މަހުގައި ހުޅުމާލޭގެ ގިނަބަޔަކު ބޭނުންކުރާ މި މިސްކިތުގައި އަޅުކަމުގައި ޝާމިލްވާ އެންމެނަށްވެސް ފަސޭހަ ވެއްޓެއް ޤާއިމުކޮށްދިނުން. އަދި މި މަޝްރޫޢު ޙަޤީޤަތަކަށް ހެދުމުގައި ގަތަރު ޗެރިޓީގެ ދީލަތިކަމާއި އެއްބާރުލުން ފާހަގަކޮށް،ގަތަރު ޗެރިޓީއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން،”

ގަތަރު ޗެރިޓީގެ ސީއީއޯ އެސިސްޓެންޓް ފޮރ ޕްރޮގްރާމްސް އެންޑް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ސެކްޓަރ އަލްފާޟިލް ފައިސަލް ރަޝީދު އަލްފެހައިދާ ވިދާޅުވީ މި ޕްރޮޖެކްޓާއެކު، ޚާއްޞަކޮށް ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް، ހުޅުމާލޭގެ ރައްޔިތުންނަށް އަޅުކަން ކުރުމަށް މިހާރަށްވުރެ ރަނގަޅު ޖާގައެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ،
“އުރީދޫ މޯލްޑިވްސް އިން މުޖުތަމައަށްޓަކައި ކުރަމުންދާ މަސައްކަތަށް ތައުރީފު ކުރަމެވެ، އުރީދޫ ފަދަ ޕާޓްނަރުންނާ އެކު، މުޖުތަމައަށް ފައިދާވާ ހަރަކާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ހަރުދަނާ މަސައްކަތްތަކެއް ކުރުމަށް ގަތަރު ޗެރިޓީއިން ހުރީ ތައްޔާރަށް،”
އުރީދޫން ބުނި ގޮތުގައި ދިވެހި މުޖުތަމައުއަށް ފައިދާ ކުރާނެ ކަންކަން ކުރުމަކީ އުރީދޫ މޯލްޑިވްސް އަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެކެވެ.